29 Nov 2018, 00:18
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު އާމިރާއަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފި އެވެ.
ސީއެސްސީ ގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ އެންމެ މަތީ މާކްސް ލިބުނު އާމިރާއަށް މެމްބަރުކަން ދިނުމަށް މިރޭ ރައްޔިތުންގެ މަޖިލިސް އިން ބޭއްވި ޖަލްސާގައި ފާސް ވެގެން ދިޔައީ 71 މެމްބަރަކު ވޯޓުންނެވެ. އަދި ވަކިގޮތަކަށް ވޯޓް ނުދެއްވާ ދެ މެމްބަރުން ތިއްބެވިއެވެ.
ސީއެސްސީގެ މެމްބަރުކަމަށް ހުޅުވާލީ، މެމްބަރަކަށް މިހާރު ހުންނެވި ފާތުމަތު ރީނީ އަބްދުއްސައްތާރުގެ ދައުރު މި މަހުގެ ފަހު ކޮޅު ހަމަވާތީ އެވެ.
ސިވިލް ސާވިސް ކޮމިޝަނަށް އައްޔަން ކުރުމަށް ގާބިލް މީހެއް ކަމަށް ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން، ކަނޑައަޅާފައިވާ މިންގަނޑަށް ބަލައި، އިންޓަވިއު ކޮށްގެންނެވެ.
އެގޮތުން، ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލި 13 މީހެއްގެ ނަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ދިރާސާކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނައިން މާކްސް ލިބުނީ އާމިރާ އަށެވެ. އާމިރާއަށް ވަނީ 89 ޕަސެންޓު މާކްސް ލިބިފައެވެ.