އަތޮޅުތަކުގައި މަސައްކަތް ކުރާ ބިދޭސީ ޑޮކްޓަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ގެއަށް ގެންދަން ލިބޭ އަދަދު މަދުވެ، އަދި އިނާޔަތްތައް ލިބުމުގައި ވެސް މައްސަލަތަކެއް ދިމާވާ ކަމަށާއި އެފަދަ މައްސަލަތަކާ ހިތްހަމަ ނުޖެހިގެން ގިނަ ޑޮކްޓަރުން ރާއްޖެ ދޫކޮށް ދާ ކަމަށް އަލަށް އުފައްދާ، ސިޔާސީ ޕާޓީ ޕީޕީއެމް އިން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލަވުމެއްގައި ވާހަކަ ދައްކަމުން ޕީޕީއެމްގެ ވަގުތީ ސެކްރެޓަރީޖެނެރެލް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ބިދޭސީ އެތައް ޑޮކްޓަރުންނާއި ނަރުހުން ރާއްޖެ ދޫކޮށްދަނީ އެމީހުންނަށް ދޭންޖެހޭ މުސާރަ އާއި އެލެވެންސް ދިނުމުގައި ހެލްތު ކޯޕަރޭޝަންތައް ފޭލްވެފައިވާތީ ކަމަށެވެ.

ކުރީގެ ސަރުކާރުން އެތައް ބުރަ މަސައްކަތުން ގާއިމްކޮށްފައިވާ ޞިއްހީ މުއައްސަސާ މިސަރުކާރު އައިފަހުން މުޅިން ފޭލްކޮށްކޮށްލާފައިވާ ކަމަށް މުންދު ތުހުމަތު ކުރެއްވި އެވެ.

"ސަރުކާރުން ބިދޭސީ ޑޮކްޓަރުންގެ މުސާރަ އާއި އިނާޔަތްތައް އެމީހުންނަށް ނުދެވުމުގެ ސަބަބުން ރާއްޖޭގައި ތިބި ސްޕެޝަލިސްޓް ޑޮކްޓަރުން މިރާއްޖެ ދޫކޮށް ފުރަން ތައްޔާރުވަމުން ދާކަމުގެ މަޢުލޫމާތު ރާއްޖޭގެ އެކި ކަންކޮޅުތަކުން އަޅުގަނޑު މެންނަށް ލިބެމުން އެބަދޭ. މިކަން ކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން މިކަން ހައްލުނުކޮށްފި ނަމަ ރާއްޖޭގެ މުޅި ޞިއްހީ ހިދުމަތް ބޮއްސުން ލައިގެންދާނެ،" މުންދު ވިދާޅުވި އެވެ.

ރާއްޖޭގެ ސިއްހީ ހިދުމަތް ބޮއްސުންލައިގެން ގޮސްފައިވާ ކަމަށާއި މުޅި ޕްރައިމަރީ ހެލްތު ކެއާ ވެސް ރާއްޖޭގައި މިހާރު ވަނީ ބަޔަކު ގަސްދުގައި ފޭލްކޮށްލާފައި ކަމުގައި މުންދު ތުހުމަތު ކުރެއްވި އެވެ.

"ރާއްޖޭގެ ޕްރައިމަރީ ހެލްތުކެއާ ނިޒާމާއި ސަރުކާރުން ކުޅެގަތުމުގެ ސަބަބުން މުޅި މުއައްސަސާ ވަނީ ބޮއްސުންލާފައި. މީގެކުރިން މި ރާއްޖޭގެ ޕްރައިމަރީ ހެލްތުކެއާ އަކީ މިސަރަހައްދުގެ އެއް ވަނަ ނަމަވެސް މިހާރު 1970ގެ އަހަރުތަކުގައި ތަރައްގީ ނުވެ އޮތް ގައުމުތަކަށް ވުރެ ވެސް ދަށުޖަރަޖަ އަކަށް ޕްރައިމަރީ ހެލްތުކެއާ ވަނީ ގޮސްފައި." މުންދު ވިދާޅުވި އެވެ.

ހއ. ދިއްދޫ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ހަތަރު ޑޮކްޓަރަކު ވެސް ވަނީ ދާދި ފަހުން ފުރައިފަ އެވެ. އެ ޑޮކްޓަރުންގެ ތެރޭގައި ހެއިނައްތާ ޑޮކްޓަރާއި މާބަނޑު އަންހެނުންގެ ޑޮކްޓަރު ހިމެނެ އެވެ.

ނަމަވެސް ހެލްތު މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޑޮކްޓަރުން ފުރައިގެން ނުދާ ކަމަށާއި ހެލްތު ކޯޕަރޭޝަންތައް ފޭލު ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ސިޔާސީ ގޮތުން އެ ބޭފުޅުން ދައްކަވާ ވާހަކަ ކަމަށެވެ.