28 Nov 2018, 23:38
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމުގައި އޮންނަ އޮތުން އިސްލާހު ކޮށް 65 އަހަރުން މަތީގެ މީހުންނަށް ވެސް ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ފާސް ކޮށްފިއެވެ.
އިއްޔެ ކެލާ ދައިރާ މެމްބަރު އަހްމަދު އާރިފް މަޖިލީހަށް ހުށަހެޅުއްވި މި އިސްލާހު މިރޭ ރައްޔިތުން މަޖިލިސް އިން ބޭއްވި ޖަލްސާ ގައި ފާސް ވެގެން ދިޔައީ ޖަލްސާގައި ބައިވެރިވި 73 މެމްބަރުންގެ އިއްތިފާގުންނެވެ.
މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީ 2008 ވަނަ އަހަރު ތަސްތީގު ކުރެވުނު އިރު، ވެރިކަމަށް ކުރިމަތިލެވޭނެ އުމުރު އޮންނަނީ 35 އަހަރުން މަތީގެ ބޭފުޅުންނަށް ކުރިމަތި ލެވޭ ގޮތަށެވެ. ވެރިކަމަށް ކުރިމަތިލެވެނެ މަތީ އުމުރެއް އޭރު ނޯވެއެވެ. މިރޭ އިސްލާހު ފާސްވެގެން މި ދިޔައީ ގާނޫނު އަސާސީ ތަސްތީގު ކުރެވުނު އިރުވެސް އޮތް ގޮތަށެވެ.
ނަމަވެސް 2015 ވަނަ އަހަރު އަހްމަދު އަދީބް ނައިބު ރައީސް ކަމަށް ގެނައުމަށް އޭރުގެ ސަރުކާރުގެ ޕާލިމަންޓްރީ ގުރޫޕްން ވަނީ ވެރިކަމަށް ކުރިމަތި ލެވޭ އުމުރު 35 އަހަރާއި 65 ދެމެދުގެ ބޭފުޅުންނަށް ކުރިމަތިލެވޭގޮތަށް އިސްލާހު ކޮށްފައެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ޖޫން 24 ވަނަ ދުވަހު އެއިސްލާހަށް ނެގި ވޯޓުން އެ އިސްލާހު ގެނައުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 80 މެންބަރުންގެ ތެރެއިން 78 މެންބަރުންގެ ވޯޓާ އެކު އެވެ.
އެ އިސްލާހު ފާސްކުރުމަށް އޭރު ވޯޓު ނުދެއްވީ ގަލޮޅު ދެކުނު ދައީރާގެ މެމްބަރު އަހުމަދު މަހުލޫފާއި އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެވެ.
މިރޭ ފާސްވެގެން ދިޔަ އިސްލާހާއެކު ކުރީގެ ރައީސް މައުމޫން އަދި ރައްޔިތުންގެ މަޖިލިސް ރައީސް ގާސިމް އިބްރާހިމްއަށް ވެސް ވެރިކަމަށް ކުރިމަތި ލެވޭނެއެވެ.