ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް، ރައީސް ޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބު އަބްދުﷲ ޖާބިރު 29 މިލިއަން ރުފިޔާ ދިން ކަމަށް ބުނާ ވާހަކަ ރައީސް މައުމޫނު ދޮގު ކުރައްވައިފިއެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު ކަން ވެސް ކުރައްވަމުން ގެންދަވާ ވިޔަފާރިވެރިޔާ، ޖާބިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު މި ސަރުކާރު ކޯލިޝަނަށް ކާމިޔާބު ކުރުމަށް އޭނާ ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދިން ކަމަށެވެ.

ޖަބީރު ކުރެއްވި ޓްވީޓް ދޮގު ކުރައްވައި މިރޭ މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ޖަބިރު ހެއްދެވީ "ކަނޑައެޅިގެން އިތުރުފުޅެއް" ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ކެމްފެއިންގައި އިސްކޮށް ހަރަކާތްތެރިވި، އެމްއާރްއެމް އަށް އަށް ޖާބިރު އެއްވެސް ފައިސާއެއް ދިފާ ނުވާނެ ކަމުގެ ޔަގީން ކަން ރައްޔިތުންނަށް އަރުވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ގއ. ކޮލަމާފުއްޓަށް ނިސްބަތްތެވަޑައިގަންނަވާ ޖާބިރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އަނބިކަނބަލުން، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައިދު ވެގެން ދާނީ ދެން އިންތިހާބުވާ މަޖިލީހުގެ ވިލިނގިލީ ދައިރާގެ މެމްބަރަށް ކަމަށާއި އެކަމަށް މައުމޫނު ހުރަސް އަޅުއްވައިގެން ނުވާނެ ކަމަށެވެ.

ޖާބިރު ވަނީ މި ފަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާއަށް ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައެވެ.