ސަލާމަތީ ބާރުތަކުން ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް އެ މަޖިލީހަށް ވަނުމަށް ހުރަސް އެޅި މައްސަލަ މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ، އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލް ނުކޮށް މަޖިލިސް ހުއްޓުމަކަށް އައެވެެ. ކުރީގެ ސަރުކާރަށް އޮތް ސުޕާ މެޖޮރިޓި ގެއްލި، 12 މެމްބަރުންގެ ގޮނޑި ގެއްލުވަލައި، މަޖިލީހުގެ ޖަލްސާތައް ދިޔައީ ނުބޭއްވި އެވެ. އޭރުގެ އިދިކޮޅު މެމްބަރުން މަޖިލީހަށް ވަންނަން އުޅުމުން ފުލުހުންނާއި ސިފައިން ވަނީ އެކަމަށް ހުރަސްއަޅާފައެވެ.

އިމްތިޔާޒު މިއަދު އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން މިދިޔަ އަހަރު ޖުލައި މަހު 24 ވަނަ ދުވަހު މަޖިލީހަށް ހާޒިރުވުމަށް ދިޔަ އިރު ހިނގާއި ދިޔަ އެ ހާދިސާ އަކީ މުޅި މަޖިލީހުގެ ހައްގަށް ނުވަތަ އިމްތިޔާޒަށް އުނިކަން އަންނަ ކަމެއް ކަމަށެވެ.

"ބުނެވި ދިޔަ ދުވަހުގެ ހާދިސާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ މަޖިލިސްކުރާ ގެޔަށް ވަނުމަށް ސަލާމަތީ ހިދުމަތްތަކަކަށް ނިސްބަތްވާ ސިފައިންނާ ފުލުހުން ހުރަސް އަޅައި، އެ މެމްބަރުންގެ ގަޔަށް އަތްލާ ގަދަކަމުން އެ މެމްބަރުން ހިފަހަށްޓަން މަސައްކަތްކޮށްފައިވުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ އަންހެން މެމްބަރުންގެ ގަޔަށް ފިރިހެން އެސްއޯ ފުލުހުން އަތްލައި، އަދި މެމްބަރުންގެ ލޮލަށް އެސްއޯ ފުލުހުން ގިނަ އަދަދެއްގެ ޕެޕާސްޕްރޭ ޖަހައިފައިވުމާއި، މިގޮތުން ޕެޕާސްޕްރޭ ރައްދުވި މެމްބަރުންގެ ތެރޭގައި އަންހެން މެމްބަރުންވެސް ހިމެނޭ،" އިމްތިޔާޒު ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

އިމްތިޔާޒު ފަހުމީ -- ސަން ފައިލް ފޮޓޯ

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ގާނޫނު އަސާސީއިން ސަލަލާމަތާއި ރައްކާތެރިކަން ދިނުމަށް ލާޒިމް ކޮށްފައިވާއިރު، ސަލާމަތީ ބާރުތަކުން އެ ދުވަހު ކަންތައް ކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި މަޖިލިސް މެމްބަރުން މަޖިލިސް އަށް ވަނުމާއި ނިކުތުމަކީ ކޮންމެ ވަގުތަކުވެސް ހުއްދަ ވެގެން ވާ ކަމެއް ކަމަށެވެ.

އަދި މަޖިލީހުގެ އިދާރާ އިން ވެސް އެއްވެސް މެމްބަރަކު މަޖިލީހަށް ނުވަދެވޭނެ ކަމަށް އަންގާފައި ނުވާ ހިނދު، ސިފައިންނާއި ފުލުހުންނަށް މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސް ނޭޅޭނެ ކަމަށް އިމްތިޔާޒު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

އެދުވަހު ހިނގައި ދިޔަ ވަރަށް ގިނަ ކަންތައްތައް ފާހަގަ ކުރައްވައި ހުށަހެޅި އެމައްސަލައި އިމްތިޔާޒު ވިދާޅުވެފައިވަނީ އެ މައްސަލައި ގައި ޒިންމާ ނަގަން ޖެހޭ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ ފަރަތްތައް އެ ކޮމިޓީއަށް ހާޒިރުކޮށް އެކަން ތަހުގީގު ކުރުމަށެވެ.