28 Nov 2018, 17:57
ފަތުރުވެރިކަމުގެ ބޭނުމަށް ސަރުކާރުން ދޫކުރާ ބިމާއި ރަށާއި ފަޅުތައް އާންމުކޮށް ބިޑުކުރުމެއް ނެތި ދޫކުރުން މަޑުޖައްސާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނި ގޮތުގައި، ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ނުވަތަ ބިން، ނުވަތަ ފަޅު ކުއްޔަށް ދިނުން މިވަގުތައް މަޑުޖައްސާލާފައިވާ ކަމަށެވެ.
ނަމަވެސް މިގޮތަށް ނިންމި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ޓޫރިޒަމްގެ ގާނޫނަށް 2016 ވަނަ އަހަރުގެ ޖުލައި މަހު ގެނައި އިސްލާހާއެކު، ޓޫރިޒަމްގެ ބޭނުމަށް ރާއްޖޭގެ ބިންބިމާއި ރަށްރަށާއި ފަޅުތައް ދޫކުރާނީ އާންމުކޮށް ބިޑު ނުކޮށެވެ. އޭރުގައި ސަރުކާރު ހިންގި ޕީޕީއެމްގެ މެމްބަރުން އިސްވެ ތިބެ ފާސްކުރި އެ އިސްލާހަށް އޭރުގެ އިދިކޮޅު ޕާޓީތައް އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީން ވަރަށް ބޮޑަށް ފާޑުކިއެވެ.
އާންމުކޮށް ބިޑު ނުކޮށް ރަށްރަށާއި ފަޅުފަޅާއި ބިންތައް ދޫކުރާގޮތަށް ގާނޫނަށް ގެނައި އިސްލާހާއެކު ޓޫރިޒަމް މިނިސްޓްރީން ދިޔައީ އެފަދައިން ދޫކުރާ ތަންތަނާއި އެތަންތަނުގެ އެސްޓިމޭޓެޑް އަގުތަކެއް ހިމެނޭ ލިސްޓެއް އާންމުކުރަމުންނެވެ.
އިންތިހާބުން ޕީޕީއެމް ބަލިވެ، އިދިކޮޅު ކޯލިޝަނަށް ބާރު ލިބުމާއެކު ބިޑުނުކޮށް ޓޫރިޒަމް ބޭނުމަށް ބިމާއި ފަޅާއި ރަށް ދޫކުރެވޭގޮތަށް ގެނައި އިސްލާހު ބާތިލުކުރުމަށް ޕީޕީއެމްއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
ފާއު މަޖިލީހަށް ފޮނުއްވި އިސްލާހުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އެއްވެސް ރަށެއް، ބިމެއް، އަދި ފަޅެއް ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދިނުމުގައި މިހާރު އޮތް އުސޫލަކީ ރައްޔިތުންނަށް އޭގެ މަންފާ އެންމެ ރަނގަޅު ގޮތުގައި ލިބޭނެ ގޮތެއް ނޫން ކަމަށެވެ. އަދި އެ ގާނޫނު އެގޮތަށް އޮތުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށާއި އެކަމާ އެތައް ބަޔަކު ކަންބޮޑުވާ ކަމަށް އެ އިސްލާހުގައިވެ އެވެ.