ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.

އެ މައްސަލަ މިފަހަރު ވެސް މަޖިލީހަށް ހުށަހެޅުއްވީ މީގެ ކުރިން އެ މައްސަލަ ހުށަހެޅުއްވި ތުނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) އެވެ.

މިފަހަރު އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ އަށް ސަބަބެއްގެ މައްޗަށް ބުނާކޮށްފަ އެވެ.

އަބުޅޯ ހުށަހެޅުއްވި މައްސަލާގައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުން ޕްރޮސިކިއުޓާ ޖެނެރަލަށް މަތިކޮށްފައިވާ ޒިންމާތަކާއި ހަވާލުކުރެވިފައުިވާ މަސްއޫލިއްޔަތު އެގޮތުގައި އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.

  1. މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕީޖީ ކަށަވަރުނުކޮށް، ފުލުހުންގެ އިދާރާއިން އެދޭ ކޮންމެ ކަމެއް ކޮށްދެއްވުން

  2. މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމުގައި އޮންނަ އިޖުރާއަތްތަކާ ހިލާފަށް ހައްޔަރު ކުރުމުން ވެސް ޕީޖީ ހަނު ހުރެފައި ވުމާއި މެންބަރުން ހައްޔަރުގައި ގިނަ ދުވަސްތަކެއް ހޭދަވާއިރު ވެސް ޕީޖީން އެއްވެސް ކަމެއް ކޮށްފައި ނުވުން
  3. ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް މެންބަރުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އެކަން ހުއްޓުވާފައި ނުވުމާއި އެކަމުން މަނާވެނުގަތުން
  4. އިޖުރާއަތްތައް ފުރިހަމަ ނުކޮށް މެންބަރުންގެ މައްޗަށް ޝަރީއަތް ހިނގަމުންދިޔައިރު އެކަން ހުއްޓުވާފައިނުވުމާއި ގާނޫނާ އެއްގޮތަށް އަކަންކުރަމަށް ބާރުއަޅުއްވާފައި ނުވުން
  5. މަޖިލީހުގެ މިހާރުގެ ރައީސް ގާސިމް އިބްރާހިމްގެ މައްޗަށް ޖިނާއީ ކުށެއްގައި ޣައިރު ހާޒިރުގައި ހުކުމް ކުރި އިރުވެސް އެކަން ހުއްޓުވާފައި ނުވުން
  6. ހުކުމެއް ކުރުމުގެ ކުރިން މީހުންގެ މިނިވަންކަން ނިގުޅައިގަނެ ބަންދުކޮށްފައި ބެހެއްޓުމުން ވެސް އެކަން ނުހުއްޓުވާ ދިފާއު ކުރުން
  7. މަޖިލިސް މެންބަރެއް ފުލުހަށް ހާޒިރުވުމަށް ޝަރުތުކޮށް އޭނާގަ އަނބިކަބަލުން ފުލުހުންގެ އިދާރާގައި ރަހީނު ކުރުމުން ވެސް ޕީޖީން އެއްވެސް ފިޔަވަޅެއް ނޭޅުން
  8. ސިޔާސީ ސަބަބުތަކަށްޓަކައި ހައްޔަރު ކުރާ މީހުނަށް އިނާޔަތްތައް ނުލިބުމާއި ބަންދުކޮށްފައި ތިބޭ ތަނުގެ ހާލަތާމެދު ހުށަހެޅުނު ޝަކުވާތަކަށް ފިޔަވަޅެއް ނޭޅުން.

ބިޝާމްގެ އިތުބާރު ނެތް ކަމަށް ސަރުކާރަށް ތާއިދު ކުރާ މެންބަރުން މަޖިލީހަށް ހުށަހަޅާފައި މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ސަރުކާރަށެވެ.