ޗެމްޕިއަންސް ލީގުގައި ރޭ ވެލެންސިއާ އިން ޗެލްސީ ހިފެހެއްޓިއިރު، އާސެނަލް އާއި، އޭސީމިލާން އަދި ބާސެލޯނާ މޮޅުވެއްޖެ އެވެ.

ބާޓޭ ބޮރިސޯވް އަތުން ބާސެލޯނާ ފަސޭހަ ކަމާއެކު މޮޅުވި މެޗުގައި ލިއޮނަލް މެސީ ޖެހި ދެ ލަނޑުގެ ސަބަބުން އޭނާ ވަނީ އެކުލަބަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ދެވަނައަށް އަރާފަ އެވެ.

ވެލެންސިއާގެ އަމިއްލަ ދަނޑުގައި ޗެލްސީ އާއި ދެކޮޅަށް ކުޅެމުން ދިޔަ މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ދެވަނަ ހާފުގެ ކުރީ ކޮޅުގައި ޗެލްސީ އިން ދިޔައީ ވެލެންސިއާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ޗެލްސީގެ ސްޕެއިން ފޯވާޑް ފެނާންޑޯ ޓޮރޭސް އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ޓޮރޭސް ހަމަލާތަކުގެ އަމާޒަކަށްވީ މިމެޗުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް ދިފާޢުކުރި ވެލެންސިއާ ބްރެޒިލް ގޯލް ކީޕަރު ޑިއޭގޯ އަލްވޭސް އެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ހޯދައިދިނީ ޗެލްސީގެ އިނގިރޭސި ވިލާތުގެ މިޑްފީލްޑަރު ފްރޭން ލަމްޕާޑް އެވެ. މިލަނޑަށް ފަހު ވެލެންސިއާގެ ފަރާތުން ފެނިގެންދިޔައީ ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުންދިޔަ މަސައްކަތެވެ. މެޗުގެ 87 ވަނަ މިނެޓުގައި ވެލެންސިއާ އަށް ލިބުނު ޕެނަލްޓީއަކުން ސްޕެއިން ފޯވާޑް ރޮބާޓޯ ސޮލްޑާޑޯ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

ބާޓޭ ބޮރިސޯވް ކޮޅަށް ބާސެލޯނާއިން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ތިންލަނޑުގެ ލީޑެއް ހޯދާފަ އެވެ. މެޗުގެ 19 ވަނަ މިނެޓުގައި ބާޓޭގެ އަލެކްސެންޑާ ވެލެޖްކޯ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. މެޗުގެ 22 ވަނަ މިނެޓުގައި ބާސާގެ ދެވަނަ ލަނޑު ސްޕެއިން މިޑްފީލްޑަރު ޕެޑްރޯ ކާމިޔާބުކޮށްދިން އިރު، މެޗުގެ 38 ވަނަ މިނެޓުގައި ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ލިއޮނަލް މެސީ އެވެ. މެޗުގެ 55 ވަނަ މިނެޓުގައި މެސީ އިތުރު ލަނޑެއް ކާމިޔާބު ކޮށްދިން އިރު ބާސާ އިން ޖެހި ފަހު ލަނޑު ކާމިޔާބު ކޮށްދިނީ ސްޕެއިން ފޯވާޑް ޑޭވިޑް ވިޔާ އެވެ. މިމެޗު ނިމިގެންދިޔައީ 5-0 ލަނޑުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

ވިކްޓޯރިއާ ޕުލްޒެންގެ މައްޗަށް ކާމިޔާބު ހޯދުމަށް ފަހު އޭސީ މިލާނުން ވެސް ވަނީ ތިން ޕޮއިންޓް ހޯދާފައެވެ. މެޗުގެ ފުރަތަމަ ހާފު 0-0 ލަނޑުން ނިންމާލަން ޖެހުނު ނަމަވެސް، މެޗުގެ 53 ވަނަ މިނެޓުގައި އޭސީ މިލާނަށް ލިބުނު ޕެނަލްޓީ އެއް ޒްލަޓަން އިބްރަހިމޮވިޗް ވަނީ ކާމިޔާބު ކޮށްފައެވެ. މެޗުގެ 66 ވަނަ މިނެޓުގައި އެސީ މިލާނުގެ އިޓަލީ ފޯވާޑް އެންޓޯނިއޯ ކަސާނޯ ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ ލީޑު ފުޅާ ކޮށްދީފައެވެ. މިމެޗު ނިމިގެންދިޔައީ 2-0 ލަނޑުން އޭސީ މިލާން ކުރީގައި އޮވެގެންނެވެ.

އާސެނަލްއިން އޮލިމްޕިއާކޯސްގެ މައްޗަށް ކާމިޔާބު ހޯދީ 2-1 ލަނޑުންނެވެ. މިމެޗުގައި ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. އާސެނަލް އަށް ކާމިޔާބު ކޮށްދިން ދެލަނޑު ޖަހައިދިނީ މިސީޒަނުގައި އެކުލަބާއި އަލަށް ގުޅުނު ދެކުޅުންތެރިން ކަމަށްވާ އެލްކްސް އޮކްސްލޭންޑް-ޗެމްބަލޭއިން އާއި އަންދުރޭ ސަންޓޯސް އެވެ. އާސެނަލްގެ ފުރަތަމަ ލަނޑު މެޗުގެ އަށްވަނަ މިނެޓުގައި ޗެމްބާލޭން ކާމިޔާބު ކޮށްދިން އިރު، ދެވަނަ ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސަންޓޯސް އެވެ. އޭގެ ހަތް މިނެޓު ފަހުން ޑޭވިޑް ފުސްޓާ ވަނީ އޮލިމްޕިއާކޯސް އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ޖަރުމަން ޗެމްޕިއަން ބޮރޫސިއާ ޑޯޓްމަންޑް ބަލިކޮށް މާސޭލް އިން މެޗު ކާމިޔާބު ކުރީ 3-0 ލަނޑުންނެވެ. މާސެއިލް ގެ ލަނޑުތައް މެޗުގެ 20، 62 އަދި 69 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަދުރޭ އަޔޫ އާއި، ލޮއިކް ރެމީ އެވެ. އަންދުރޭ އަޔޫ ވަނީ މިމެޗުގައި މާސޭލް އަށް ދެލަނޑު ކާމިޔާބު ކޮށްދީފައެވެ.

ބެޔާން ލެވަކޫސްން ރޭސިންގް ގެންކް ގެ މައްޗަށް ކާމިޔާބު ހޯދީ 2-0 ލަނޑުންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި ލާސް ބެންޑާ ލެވަކޫސަން އަށް ކާމިޔާބު ކޮށްދިން އިރު، ފަހު ލަނޑު މެޗުގެ އިތުރު ވަގުތުކޮޅުގައި ކާމިޔާބު ކޮށްދިނީ ކުރީގެ ޗެލްސީ ތަރި މައިކަލް ބަލަކް އެވެ.

މިދިޔަ ސީޒަނުގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ އެފްސީ ޕޯޓޯ ގެ މައްޗަށް ޒެނިތު ސެއިން ޕީޓާސްބާގް ކުރި ހޯދީ 3-1 ލަނޑުންނެވެ. މެޗުގެ ދިހަ ވަނަ މިނެޓުގައި ޖޭމްސް ރޮޑްރިގޭޒް ޕޯޓޯ އަށް ލީޑު ހޯދައދިނެވެ. ނަމަވެސް އޭގެ ދިހަ މިނެޓު ފަހުން ރޯމަން ޝިރޮކޯވް ޒެނިތަށް ލަނޑެއް ކާމިޔާބު ކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މެޗުގެ 63 ވަނަ މިނެޓުގައި ޝިރޮކޯވް ދެވަނަ ލަނޑެއް ޒެނިތަށް ކާމިޔާބު ކޮށްދީ ލީޑު ހޯދައިދިނެވެ. މެޗުގެ 72 ވަނަ މިނެޓުގައި ޑެނީ ލަނޑެއް ކާމިޔާބުކޮށް ޒެނިތް އަށް ލީޑު ފުޅާކޮށްދިނެވެ. މިމެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ޕޯޓޯގެ ޑިފެންޑަރު ޖޯޖް ފުޗިލް އަށް ދެއްކި ރަތް ކާޑުގެ ސަބަބުން ޕޯޓޯއިން ދެވަނަ ހާފު ފުރިހަމަ ކުރީ ދިހަ ކުޅުންތެރިންނާއި އެކުއެވެ.

ޝާޚްތަރު ޑޮނެސްޓްކް އާއި އެޕޯލް ނިކޯސިއާ ބައްދަލުކުރ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. މެޗުގެ 61 ވަނަ މިނެޓުގައި އިވާން ޓްރިކޮވްސްކީ އެޕޯލް ނިކޯސިއާ އަށް ލީޑު ހޯދައިދީފައި ވަނިކޮށް، އޭގެ ތިން މިނެޓު ފަހުން ޖެޑްސަން ވަނީ ޝާޚްތަރު އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ގްރޫޕް އީ، ގްރޫޕް އެފް، ގްރޫޕް ޖީ އަދި ގްރޫޕް އެޗް ގައި ރޭ ކުޅުނު މިމެޗު ތަކަށް ފަހު މަގާމުތަކަށް ވަނީ ބަދަލު އައިސްފައެވެ. ގްރޫޕް އީގެ އެއްވަނާގައި ހަތަރު ޕޮއިންޓާއެކު އޮތީ ޗެލްސީ އެވެ. ލިބުނު ތިން ޕޮއިންޓާއެކު ދެވަނާގައި ލެވަކޫސަން އޮތްއިރު، ދެޕޮއިންޓް ލިބިގެން ތިންވަނާގައި އުޅެނީ ވެލެންސިއާއެވެ. ލިބުނު އެންމެ ޕޮއިންޓަކާއެކު އެންމެ ފުލުގައި އޮތީ ރޭސިންގް ގެންކް އެވެ.
ގްރޫފް އެފް އަށް ބަލައިލާއިރު، އެއްވަނާގައި ހަޕޮއިންޓާއެކު އެއްވަނާގައި މާސެލް އުޅޭއިރު، ދެވަނާގައި ހަތަރު ޕޮއިންޓާއެކު އުޅެނީ އާސެނަލް އެވެ. ބޮރޫސިއާ ޑޯޓްމުންޑް އަށް ލިބުނު ޕޮއިންޓަކާއެކު ތިންވަނާގައި އުޅޭއިރު، އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބޭ އޮލިމްޕިއާކޯސް އެވެ.

ގްރޫޕް ޖީ ގެ އެއްވަނާގައި ހަތަރު ޕޮއިންޓާއެކު އޮތީ އެޕޯލް ނިކޯސިއާ އެވެ. ތިން ޕޮއިންޓް ލިބުނު ޒެނިތަށް ދެވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިންވަނާގައި އެފްސީ ޕޯޓް އޮތްއިރު، ލިބުނު އެންމެ ޕޮއިންޓަކާއެކު އެންމެ ފުލުގައި އޮތީ ޝާޚްތަރު އެވެ.

ގްރޫޕް އެޗްގެ އެއްވަނާގައިވާ ބާސެލޯނާ އާއި ދެވަނާގައިވާ އޭސީ މިލާނަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ބާސެލޯނާ އަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިންވަނާގައިވާ ވިކްޓޯރިއާ ޕުލްޒެން އާއި ފުލުގައިވާ ބާޓޭ ބޮރިސޯވް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މިމުބާރާތުގެ މެޗުތައް ދެން ކުރިއަށް ދާނީ އޮކްޓޯބަރު 18 ވަނަ ދުވަހުއެވެ. އެދުވަހުގެ ރޭ ކުރިއަށް ދާނީ ގްރޫޕް އޭ، ގްރޫޕް ބީ، ގްރޫޕް ސީ އަދި ގްރޫޕް ޑީގެ މެޗުތަކެވެ.