ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފުރޮޅާލުމުގައި އިސްކޮށް ހުންނެވި ކަމަށް އެމްޑީޕީ އިން އޭރު ތުހުމަތު ކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްއާއި ރައިސް ނަޝީދާ ދެ ބޭފުޅުން ބައްދަލު ކުރައްވައިފި އެވެ.

މިއަދު އެމްޑީޕީ އޮފީސްގައި ބޭއްވި އެ ބައްދަލު ކުރެއްވުމަށް ފަހު ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހާލަތާ ގުޅޭ ގޮތުން ކާމިޔާބު މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.

މިއީ މި ދެބޭފުޅުން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

ކާނަލް ނާޒިމް އެމްޑީޕީގެ ރައީސް ނަޝީދާ މިއަދު ބައްދަލު ކުރެއްވި އިރު މިމަހު 12 ގައި އޭނާ ވަނީ ސަރުކާރު ހިންގާ ކޯލިޝަން، ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފަ އެވެ.

އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިސް ރައީސް ގާސިމް އިބްރާހިމްގެ ސިޔާސީ އެޑްވައިޒަރުކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވަނީ އަންނަ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލިސްއަށް ވާދަކުރަން ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ.