28 Nov 2018, 15:35
ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ މެންބަރުންގެ އަދަދު ހަމަހަމަ ވެއްޖެ އެވެ.
އެ ދެ ޕާޓީގައި ވެސް މިހާރު ތިބީ ރައްޔިތުންގެ މަޖިލީހުގެ 19 މެންބަރުންނެވެ. މަޖިލީހުގެ އެންމެ ގިނަ މެންބަރުން ޕީޕީއެމްގައި ތިއްބަވާ އިރު މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި މީގެ ކުރިން އޮތީ އެމްޑީޕީ އެވެ. ނަމަވެސް އެ ޕާޓީގެ މެންބަރުންގެ އަދަދު ދަށްވެފައި ވަނީ އާ ސަރުކާރުގެ މަގާމުތަކަށް ދިއުމަށް ހަ މެންބަރަކު އިސްތިއުފާ ދެއްވުމުންނެވެ.
އަންނަ އަހަރުގެ މަޖިލީހުގެ އިންތިހާބް މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ އިންތިހާބާ ދޭތެރޭ ހަ މަސް ދުވަހަށް ވުރެ ކުރު މުއްދަތެއް އޮވުމުން ހުސްވި ދާއިރާތަކުގެ ބައި އިލެކްޝަން ނުބައްވާނެ އެވެ.
މަޖިލީހުގެ މިހާރުގެ މެންބަރުންގެ އަދަދަކީ 79 އެކެވެ. އެއީ އިދިކޮޅު ޕީޕީއެމްގެ 29 މެންބަރުންނާއި އެމްޑީޕީ އާއި ޖޭޕީން ކޮންމެ ޕާޓީއެއްގައި 19 މެންބަރުންނާއި އެމްޑީއޭގެ ހަތަރު މެންބަރުންނާއި އަދާލަތު ޕާޓީގެ އެއް މެންބަރަކާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ހަތް މެންބަރެކެވެ.
ވޭތުވެދިޔަ ދެ ހަފްތާއެއްގެ ތެރޭގައި އިދިކޮޅު ޕީޕީއެމްގެ ބައެއް މެންބަރުންނާއި މިނިވަން ބައެއް މެންބަރުންތަކެއް ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ. އަދި ބެލެވޭ ގޮތުގައި ކުރިއަށް މިއޮތް ދުވަސްތަކުގައި އިތުރު ބައެއް މެންބަރުން ވެސް ޖޭޕީއާ ގުޅިވަޑައިގަންނަވާނެ އެވެ. އެހެން ކަމުން މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި ޖޭޕީ ވުން ވަރަށް ގާތެވެ.
މެޖޯރިޓީ ޕާޓީ އަކީ ޕީޕީއެމް ނަމަވެސް މަޖިލީހުގެ ޖުމްލަ މެޖޯރިޓީ އޮތީ އިދިކޮޅު ކޯލިޝަނަށެވެ. އެއީ އެމްޑީޕީ އާއި ޖޭޕީ އާއި އަދާލަތު އަދި މިނިވަން ހަތް މެންބަރުންނާއި އެކު 46 މެންބަރުންނެވެ. އިދިކޮޅު ޕީޕީއެމް އާއި އެމްޑީއޭގެ ޖުމްލަ މެންބަރުންގެ އަދަދަށް ވުރެ 13 މެންބަރުން ސަރުކާރު ކޯލިޝަނުގައި ގިނަ އެވެ. އެހެން ކަމުން މަޖިލީހުގެ ސާފު އަގުލަބިއްޔަތު ވެރިކަން ކުރާ ކޯލިޝަނަށް އެބަ އޮތެވެ.