28 Nov 2018, 14:48
އަސްކޮއި ޖަމާއަތުގެ ހަވާލުގައި އުމްރާ އަށް ފުރަން އުޅެނިކޮށް ނުފުރުނު 50 މީހުން މިއަދު ފުރައިފި އެވެ.
އަސްކޮއި ޖަމާއަތުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިއަދު ހެނދުނު އެ 50 މީހުން ސްރީލަންކަން އެއާލައިނުން ފުރައިފި ކަމަށެވެ. އެ މީހުން ފުރީ އަލުން ޓިކެޓް ނެގުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމީހުންނަށް ލިބުނު ޓިކެޓްތަކަކީ ވަގު ޓިކެޓްތަކެއްކަން އެނގުނީ މިދިޔަ އާދިއްތަ ދުވަހު އުމްރާއަށް ފުރަން އެއާޕޯޓަށް ގޮސް އުޅެނިކޮށެވެ.
އެ ޖަމާއަތުގެ އޮފިޝަލް ވިދާޅުވީ އަންނަ މަހު ވެސް ފުރަން ތިބި މީހުން ވެސް އަންނަ ބުރާސްފަތި ދުވަހު ފުރާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ވަގު ޓިކެޓްތަކުގެ އެއްވެސް މައުލޫމާތެއް ކުރިން އެމީހުންނަށް ނޭނގޭ ކަމަށާއި އޭގައި އަސްކޮއި ޖަމާއަތުގެ އެއްވެސް އަތެއް ނުވާ ކަމަށެވެ.
އަސްކޮއިން އުމުރާއަށްދާ މީހުންގެ ޓިކެޓް ގަންނަން ހަވާލުކުރީ އަލް ފަތުހު ހައްޖު އަދި އުމްރާ ގްރޫޕަށެވެ.
ފުލުހުން ބުނީ ފައިސާ ސަމްހާ ގުރޫޕް އިން ޑީބީ ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމުން އެ ފައިސާ އެކުންފުނީގެ މަސައްކަތް ކުރާ ފަރާތަކުން ސައްހަ ނޫން 168 ޓިކެޓް ދޫކޮށްފައިވާ ކަން ތަހުގީގަށް އިނގެން އޮންނަ ކަމަށެވެ.
ފުލުހުން މިހާރު ވަނީ އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ޑީބީ ޓްރެވަލްސްގެ މުވައްޒިފެއް ހައްޔަރު ވެސް ކޮށްފަ އެވެ.