އދ. މަޖިލިސް (ސެޕްޓެމްބަރ 29) : އދ.ގެ ފުރިހަމަ މެންބަރު ކަމަށް އެދި ފަލަސްތީނުން ހުށަހަޅާފައިވާ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޓަކައި ރޭ ސަލަމާތީ މަޖިލީހުން ބޭއްވި ޖަލްސާ އިން އެ މައްސަލަ ކަމާ ބެހޭ ޤާނޫނީ ކޮމިޓީއަށް ފޮނުވުމަށް ނިންމައިފި އެވެ. ސަލާމަތީ މަޖިލީހުގެ ރައީސް ލުބްނާނުގެ މަންދޫބު ނުއްވާފް ސަލާމް ވިދާޅުވި ގޮތުގައި ރޭގެ ޖަލްސާ އިން އެ މައްސަލަ ކަމާ ބެހޭ ޤާނޫނީ ކޮމިޓީއަށް ފޮނުވުމަށް ނިންމީ މެންބަރު ޤައުމުތަކުގެ އަޣްލަބިއްޔަތުން ކަމުގަ އެވެ.

އެކަމާ ބެހޭ ޤަވާޢިދު ބުނާ ގޮތުން މެންބަރުކަމަށް އެދި ހުށަހަޅާ ދައުލަތަކަށް މެންބަރުކަން ދިނުމުގެ މައްސަލާގައި ސަލާމަތީ މަޖިލީހުން ވޯޓަކަށް ދާނީ މެންބަރުކަން ދިނުމުގެ މައްސަލަ ޤާނޫނީ ގޮތުން ބަލައި ދިރާސާ ކުރާ ކޮމިޓީން މިކަން ބެލުމަށްފަހުގަ އެވެ. މެންބަރުކަން ހޯދުމަށް އެދި ހުށަހެޅި ހުށަހެޅުމަކީ ޤާނޫނީ ގޮތުން ސައްހަ ހުށަހެޅުމެއްކަން ނުވަތަ ނޫންކަން ކަނޑައަޅާނީ އެ ކޮމިޓީންނެވެ.

ްއެކަންތައްތައް ބެލުމަށް ފަހު އެ ކޮމިޓީގެ ރިޕޯޓް ސަލާމަތީ މަޖިލީހަށް ހުށަހެޅުމުން ފަލަސްތީނުގެ ދައުލަތަށް މެންބަރުކަން ދިނުމުގެ މައްސަލާގައި ސަލާމަތީ މަޖިލީހުން ވޯޓަކާ ހަމައަށް ދާނެކަމަށް ސަލާމް ވިދާޅުވި އެވެ. (އަލްޖަޒީރާ)