28 Nov 2018, 14:37
ސަރުކާރުގެ އެކިއެކި ސިޔާސީ މަގާމުތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަނުކުރާ މީހުންގެ މައުލޫމާތާއި ތައުލީމީ ފެންވަރާއި މާލީ މައުލޫމާތުތައް ސާފުކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، ސިޔާސީ މަގާމުތަކާއި ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަނުކުރާ މީހުން ފުރިހަމަކުރަން ޖެހޭ މައުލޫމާތު ފޯމެއް އެކުލަވާލައި، އެ ފޯމު ފުރިހަމަކުރަން ޖެހޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވާފައިވާ ކަމަށެވެ.
އެ ފޯމުގައި ފުރިހަމަކުރަން ޖެހޭ މައުލޫމާތުގެ ތެރޭގައި މަގާމަށް އައްޔަނުކުރެވޭ މީހެއްގެ އާންމު މައުލޫމާތާއި ތައުލީމީ ފެންވަރާއި ތަމްރީނާއި ތަޖުރިބާއާ ބެހޭ މައުލޫމާތު ހިމެނެ އެވެ.
މީގެ އިތުރުން އެމީހަކަށް ލިބޭ އާމްދަނީއާއި، އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާ އަދި އޭނާގެ ދަރަންޏާ ބެހޭ މައުލޫމާތު ވެސް ފޯމުގައި ހުށަހަޅަން ޖެހޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި މަގާމު ދޭނީ ފޯމުގައި ހިމެނޭ މައުލޫމާތު ފުރިހަމަކުރުމުން އޭގައިވާ މައުލޫމާތުތަކަށް ބެލުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.