28 Nov 2018, 12:47
ރާއްޖޭގެ އާބަދީގައި ފިރިހެނުންނަށް ވުރެ އަންހެނުން މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރާ މިންވަރު ދައްކަމަށާއި ޒުވާނުން މަސައްކަތުގެ މާހައުލަށް ނުކުންނަ ނިސްބަތް މަދު ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފި އެވެ.
އެ ބިއުރޯއިން ބުނީ ފިރިހެނުންނަށް ވުރެ އަންހެނުންނަށް ލިބޭ މުސާރަ ވެސް ކުޑަކަމަށެވެ. ނަމަވެސް ތައުލީމީ ދާއިރާގައި ގިނައިން ތައުލީމު އުނގެނިފައި ތިބީ އަންހެނުން ކަމަށް ވެސް އެ ބިއުރޯއިން ބުންޏެވެ. އަންހެނުން ކުރާ އެންމެ ގިނަ މަސައްކަތަކީ އަތްތެރި މަސައްކަތް ކަމަށާއި ފިރިހެނުން އެންމެ ގިނައިން ކުރާ މަސައްކަތަކީ މަސްވެރިކަން ވެސް އެ ސާވޭ އިން ދައްކަ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހެދި ސާވޭއެއްގައި ބުނީ ފިރިހެނުން އިގްތިސާދީ ގޮތުން 75 ޕަސެންޓް ހަރަކާތްތެރިވާ އިރު އަންހެނުން އިގްތިސާދީ ގޮތުން 42 ޕަސެންޓް ހަރަކާތްތެރިވާ ކަމަށް ވެސް އެ ސާވޭއިން ދައްކަ އެވެ.
މަސައްކަތް ލިބިފައިވާ މީހުންގެ އާބާދީގެ ތެރެއިން 35 ޕަސެންޓަކީ ސާނަވީ ތައުލީމު ހާސިލުކޮށްފައިވާ މީހުންނެވެ. އަދި މަސައްކަތް ލިބިފައިވާ އާބާދީގެ ތެރެއިން 25 ޕަސެންޓަކީ ފަށާ ތައުލީމު ހާސިލުކޮށްފައިވާ މީހުންނެވެ. އާބާދީގެ 35 ޕަސެންޓަކީ ޑިގްރީ ފެންވަރަށް ކިޔަވާފައި ތިބި މީހުން ކަމަށް ވެސް އެ ސާވޭ އިން ދައްކަ އެވެ.
އެ ސާވޭގައި ބުނީ ރާއްޖޭގައި މަސައްކަތް ލިބިފައިނުވާ މީހުންގެ ނިސްބަތަކީ 6.1 ޕަސެންޓް ކަމަށެވެ. އަދި މާލޭގައި މަސައްކަތެއް ނުލިބިފައިވާ މީހުންގެ ނިސްބަތަކީ 7.5 ޕަސެންޓެވެ. އަތޮޅުތެރޭގައި އެ ނިސްބަތަކީ 4.9 ޕަސެންޓެވެ.