ކޮންމެ ގައުމެއްގައި ވެސް އެ ގައުމުގެ އެއް ތަނުން އަނެއް ތަނަށް، އަދި އެއް ޝަހަރުން އަނެއް ޝަހަރަށް ދަތުރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ތިމާމެންނާ ދުރުގައި ވަޒަންވެރިވެގެން އުޅޭ، އާއިލާ މީހުންނާ ބައްދަލު ކުރުމަށެވެ. އެކުވެރިންނާ ބައްދަލުކުރުމަށެވެ. އާ ތަންތަން ދެކިލުމަށެވެ. ފޫހިފިލުވުމަށެވެ. ވިޔަފާރީގެ ބޭނުމަށެވެ. އަދި ވެސް މިފަދަ އެތައް ކަމަކަށެވެ. ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވެފައި، އާންމު ގޮތެއްގައި ކޮންމެ ދެރަށެއްގެ ދެމެދުގައި ކަނޑު އޮތުމުގެ ސަބަބުން، އެއް ރަށުން އަނެއް ރަށަށް، އެއްގަމު މަގުން ދަތުރުފަތުރު ކުރެވޭނެ ގޮތެއް ނެތެވެ. އެއްރަށުން އަނެއްރަށަށް ދެވެން އޮންނަނީ ކަނޑު މަގުންނެވެ. ދަތުރުފަތުރު ކުރުމަކީ އިޖްތިމާއީ ގުޅުންތައް ދެމެހެއްޓުމަށާއި ތަފާތު މުއާމަލާތްތައް ކުރުމަށްޓަކައި ކަޮންމެހެން ބޭނުންވާ ކަމަކަށްވާތީ އާންމު ދަތުރުފަތުރުގެ ނިޒާމެއް ނުވަތަ "ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް" ގާއިމު ކުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.

އާންމު ދަތުރުފަތުރުގެ ނިޒާމެއް ކިތަންމެ ކާމިޔާބުކަމާއެކު ގާއިމު ކުރެވުނަސް އެ ހިސާބުން ރަށްތައް އެއްފަސްވީ ކަމަށް ބަލައިގެން ނުވާނެއެވެ. ރަށްތައް އެއްފަސް ކުރަންޖެހޭ ސަބަބާއި އާންމު ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރަންޖެހޭ ސަބަބު ތަފާތެވެ. އާބާދީއާއި ތަރައްގީ އެއްފަސް ކުރުމަކީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ. ކިތަންމެ ފުރިހަމަ ފެރީގެ ނިޒާމެއް ގާއިމު ކުރި ނަމަވެސް އަސާސީ ހިދުމަތްތައް ހޯދުމަށް ކަނޑު ހުރަސްކޮށް ދާންޖެހޭ ނަމަ އެވާނީ ބޮޑު ވޭނަކަށެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެންމެ ފުރިހަމަ ސިއްހީ ހިދުމަތާއި ތައުލީމީ ވަސީލަތްތަކާއި ވަޒީފާގެ ފުރުސަތު ގާއިމު ކުރުމަކީ ކައިރި މުސްތަގުބަލެއްގައި ކުރެވޭނެ ކަމެއް ނޫންކަން ޔަގީނެވެ. އެހެން ވީއިރު ބައެއް ރަށްރަށުގައި މި ހިދުމަތްތައް ގާއިމުކޮށް އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ލިބޭނޭ މަގު ތަނަވަސް ކޮށްދެވޭ އިރު އެހެން ރައްޔިތުން އެ ހިދުމަތް ހޯދަން ކޮންމެ ދުވަހަކު ރާޅާ ތަޅަން ޖެއްސުމަކީ އިންސާފުވެރި ކަމެއް ނޫނެވެ.

މިއަދު ދިވެހިރާއްޖޭގައި އެންމެ ރަނގަޅަށް ފެރީގެ ހިދުމަތް ގާއިމު ކުރެވިފައިވަނީ ހުޅުލެ އާއި މާލެ، ހުޅުމާލެ އާއި މާލެ އަދި ވިލިނގިއްޔާއި މާލެއާ ދެމެދުއެވެ. މިހެން މި ކަން އޮތް އިރު ވެސް މޫސުމް ގޯސް ވުމުގެ ސަބަބުން ދަތުރު ނުކުރެވިގެން އުޅެންޖެހޭ ދުވަސްތައް ކުރިމަތިވާކަން އެއީ ހަގީގަތެކެވެ. މި ރަށްރަށަކީ ވަރަށް ކައިރީގައި ހުރި ރަށްރަށް ކަމުގައި ވުމާއެކު ވެސް އެއް ރަށުގައި ހުރި މީހަކު އަނެއް ރަށުގައި ހުރި ތަނަކަށް، ވަކި ގަޑިއަކަށް ދާން ވެއްޖެނަމަ އުފުލަން ޖެހޭ ތަކްލީފުތަކުގެ ބޮޑު ކަން އެނގޭނީ އެކަން ތަޖްރިބާކޮށްފައިވާ މީހަކަށެވެ.

ވިލިނގިއްޔާއި މާލެއާ ދެމެދު ކޮންމެ ފަސް މިނެޓުން ނުވަތަ ދިހަ މިނެޓުން އަދި ފަނަރަ މިނެޓުން ދުވާލުގެ ވަގުތުތަކުގައި ފެރީ އޮންނަ އިރު ރޭގަނޑުގެ ވަކި ވަގުތެއްގެ ފަހުން ފެރީ އޮންނަނީ ގަޑިއަކު އެއް ފަހަރުއެވެ. މިހައި ފުރިހަމަކޮށް މިހައި ގިނައިން ދިވެހިރާއްޖޭގެ އެހެން ދެ ރަށެއްގެ ދެމެދުގައި ފެރީގެ ހިދުމަތް ދިނުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ވިލިނގިއްޔާއި މާލެއާ ދެމެދު މިހައި ފުރިހަމައަށް ފެރީގެ ހިދުމަތް ގާއިމު ކުރެވިފައިވާ އިރު ވެސް ބަލިވެގެން ރޭގަނޑު ދަންވަރު އައި.ޖީ.އެމް ހޮސްޕިޓަލަށް ދާން ބޭނުންވެގެން ފެރީ ޓާމިނަލަށް ދާ މީހާއަށް، ހޮސްޕިޓަލް ފެންނަން ހުންނަ ހާލުގައި ވެސް އެއްގަޑިއިރު ވަންދެން އިންނަން ޖެހެނީ ފެރީގެ އިންތިޒާރުގައެވެ. އެހެން ނަމަވެސް ހަމަ ލޮލަށް ހޮސްޕިޓަލް ފެންނަން ނެތް ކަމުގައި ވިޔަސް ހެންވޭރުގައި ހުރި މީހަކަށް މި ދައްޗެއް ކުރިމައްޗެއް ނުވެއެވެ. ދުއްވާ އެއްޗެއް ނުލިބުނަސް ހޮސްޕިޓަލަށް ދެވޭނޭ ފުރުސަތު އޭނާއަށް އެބަ އޮތެވެ. މިއީ އެއްފަސްވުމާއި "ފުރިހަމަ ފެރީ" އެއްގެ ހިދުމަތް ލިބުމާ ދެމެދު ހުރި ތަފާތެވެ. ކިތަންމެ ކުޑަ ނަމަވެސް ކަނޑެއް ހުރަސް ކުރަން ޖެހެންޏާ، ކަނޑު ހުރަސްކުރާނެ އުޅަނދެއްގެ އެހީ ބޭނުން ވެއެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ދަތުރު ކުރާނެ އުޅަނދެއް ނެތިއްޔާ އެ މީހާ ހުންނާނީ އެ ހާލަތުގައި ނުކުޅެދޭ މީހެއްގެ ގޮތުގައެވެ.
އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ބަދަލުގައި "ރަނގަޅު ފެރީގެ ނިޒާމެއް" ގާއިމު ކޮށްގެން ދިވެހި ރައްޔިތުން މިއަދު ތިބި "ރަށު ބަންދުން" ސަލާމަތް ކުރެވިދާނެ ކަމަށް ވަކާލާތު ކުރުމުގެ މަގުސަދަކީ "ރާއްޖެތެރޭގެ ފަސްކުޅަނދު ހަމަނުވާ" ރައްޔިތުން އަބަދުމެ ރާޅާ ތެޅުވުން ކަމަށް ވެގެން ނުވާނެއެވެ. އާންމު ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ވެ، އެއް ރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު ދޯނިފަހަރުން ނުވަތަ ލާންޗުފަހަރުން ދަތުރުކުރެވޭނެ ގޮތް ހަމަޖެހިގެން ދިޔަޔަސް، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް ހޯދުމަށްޓަކައި، ކޮންމެ ދުވަހަކު ފުރައިގެން ދާންޖެހޭ ގޮތަށް ބާއްވައިގެން ނުވާނެއެވެ. އާންމު ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރުމުގެ ބޭނުމަކީ ކޮންމެ ދުވަހަކު ފެރީއެއްގައި ކަނޑު ހުރަސް ކޮށް މާލެއަށް އައިސް، ހުރިހާ ހިދުމަތެއް މާލެއިން ހޯދަން ޖެހޭ ގޮތަށް ކަންކަން ބައްޓަން ކުރުން ކަމަށް ވެސް ވެގެންނުވާނެއެވެ.

ކަނޑު މަޑު ދުވަސް ދުވަހު ނަލަ ދުވެލީގައި ދުއްވާފައި ރަށްރަށަށް ވަޑައިގަންނަވާ ބޭފުޅަކަށް ރާއްޖެތެރޭގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ވޭން އިހުސާސް ނުކުރެއްވި ހިނގައިދާނެއެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގައި ކަނޑު ދަތުރު ކުރުމުގައި ދިމާވެފައި ހުރި ހާދިސާތަކާއި "ޖުންޖުލާ ގަދަ ކުރިމަތިވަނީއޭ" ފަދަ އިބާރާތްތަކުން ދިވެހީން ކިޔާފައި ހުރި ލަވަތަކުގައި ބުނާ އެއްޗަކާއި، ދިވެހިރާއްޖޭގެ ކަނޑަށް އެކި މޫސުމުގައި އަންނަ ބަދަލުތައް ދެނެވަޑައިގަންނަވާ އެއްވެސް ބޭފުޅަކަށް، ފެރީގެ ނިޒާމަކުން ދިވެހިރާއްޖޭގެ ރައްޔިތުން "އެއްފަސް" ކުރެވޭނެ ކަމަކަށް އެއްބަސްވެވަޑައެއް ނުގެންނެވޭނެއެވެ.

ކުދިކުދި އެތައް ރަށެއްގައި ވަކިވަކީން ދިރިއުޅުމުގެ ބަދަލުގައި އާބާދީ އާއި ތަރައްގީ އެއްފަސް ކުރުމަކީ ރާއްޖޭގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަކާއި ތަރައްގީ ލިބުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް އޮތް އެންމެ ރަނގަޅު ހައްލުކަމުގައި ދިވެހިންގެ އެތައް ބަޔަކު މިއަދު ހެޔޮހިތުން ގަބޫލުކުރެއެވެ. އަދި މިއީ ސަރުކާރުން ކުރަންޖެހޭ ހަރަދުތައް ކުޑަވެ ގައުމުގެ އިއްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއްކަން ވެސް ކަށަވަރެވެ. އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ މަޝްރޫ ހަގީގަތަކަށް ވުމަކީ މިއަދު "ރާއްޖެތެރޭގެ" ރަށްރަށުގައި ބިކަ ހާލުގައި ދިރިއުޅެމުންދާ އެތައް ބައެއްގެ އުންމީދެވެ.

އާބާދީ އާއި ތަރައްގީ އެއްފަސްކުރުމަކީ ހަރަދު ބޮޑު ކަމެކޭ އެކަން ނުކުރެވޭނެޔޭ ހިތައި، ފެރީގެ ނިޒާމަކީ ހައްލުކަމަށް ބަލާ ނަމަ ފެރީގެ ނިޒާމެއް ހިންގުމަށް ދާއިމީ ގޮތުން ކުރަންޖެހޭ ހަރަދު މާ ބޮޑު ކަމަށް ދަންނަވަން ޖެހެއެވެ. އުޅަނދު ފަހަރު ހޯދުމާއި ބެލެހެއްޓުމާއި އެ އުޅަނދު ފަހަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދާއިމީ ގޮތުން ކުރަންޖެހޭ ހަރަދަކީ ދިގު މުއްދަތަކަށް ބަލާއިރު މާ ބޮޑު ހަރަދެކެވެ. ފެރީގެ ޓިކެޓުގެ އަގު ވެސް އަބަދު އެއް ވަރެއްގައި ނުބޭއްވޭނެއެވެ. ޓިކެޓުގެ އަގު ބޮޑު ވަމުން ދާ ވަރަކަށް ރައްޔިތުންގެ ޖީބުން ކުރަން ޖެހޭ ހަރަދު ވެސް ދާނީ ބޮޑު ވަމުންނެވެ. މިއާ ހިލާފަށް، އާބާދީ އާއި ތަރައްގީ އެއް ފަސް ކުރުމަކީ ގައުމަށް ޓަކައި ކުރެވޭ އިންވެސްޓްމެންޓެއް ކަމުގައި ބެއްލެވުމުން ހަރަދުގެ މައްސަލަ، ބޮޑު މައްސަލައެއްގެ ގޮތުގައި ނުފެންނާނެއެވެ. މިއީ ލޯނު ނަގައިގެން ވެސް ކުރެވިދާނެ އަދި އެ ހަރަދު އަނބުރާ ލިބޭ ގޮތަށް ވެސް ކުރެވިދާނެ ކަމެކެވެ. ހުޅުމާލޭގެ މަޝްރޫން މިކަން ރަނގަޅަށް ސާބިތުވެއެވެ. ހުޅުމާލެއިން ގޯއްޗާއި ފްލެޓަށް އެދި ރާއްޖޭގެ އެކިރަށްރަށުގެ މީހުން ސިޓީއާއި ފޯމުލަނީ އެއްވެސް މީހަކު މަޖްބޫރުކޮށްގެންނެއް ނޫނެވެ.

ހުޅުމާލެއަށް ބަދަލުވުމަށް އެދިގެން އެތަނުން ފައިސާ ދައްކާ ގޮތަށް ބިމެއް ނުވަތަ ފްލެޓެއް ލިބޭތޯ މަސައްކަތް ކުރާ މީހުންގެ ތެރޭގައި އެހެން ރަށެއްގައި ގެއެއް އަޅާފައި ތަޅުދަނޑި ދޭނެކަމަށް ބުނުމުން އެކަމާ އިންކާރުކޮށް އަމިއްލަ ރަށުން ބަދަލުވާން ބޭނުމެއް ނޫނޭ ބުނި އަދި ބުނަމުންދާ އެތައް ބަޔަކު އެބައުޅެއެވެ. މިކަމުން ވެސް އެނގެނީ މީހުން ކޮންމެހެން ބޭނުންވަނީ ހިލޭ ގެއެއް އަޅާފައި އެމީހުންނާ ތަޅުދަނޑި ހަވާލުކުރުމަކަށް ނޫން ކަމެވެ. ރަށްރަށުގައި މީސް މީހުންނަށް ލިބިފައި ހުރި ގޯތިތަކުގައި އިމާރާތެއް ނުކޮށް ވިހިސާޅީސް އަހަރު ވެގެން ދަނީ އެމީހުން އަމިއްލަ ގެދޮރު ބޭނުން ނުވާތީއެއް ނޫނެވެ. ބޮޑު ހަރަދުކޮށްގެން ކުރާ އިމާރާތުގައި ތިބެގެން ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުރިހަމަ ނުކުރެވޭތީއެވެ.

އެމީހުން ދާން ބޭނުންވަނީ އާބާދީ އާއި ތަރައްގީ އެއްފަސް ވާ ތަނަކަށެވެ. ހަމަ އެކަނި އާބާދީ ތޮއްޖެހި އަނެއްކާވެސް ތަރައްގީއަށް ޓަކައި ދިގު އިންތިޒާރުތަކަކާއި އާދޭސްތަކެއް ކުރަން ނުޖެހޭފަދަ ރަށަކަށެވެ. ކަނޑު ހުރަސްކުރުމަކާ ނުލައި އެއަރޕޯޓަށް ދިއުމުގެ މަގު ފަހިވެފައި އޮންނަ ރަށަކަށެވެ. ރަށުން ބޭރަށް ނުގޮސް މަތީ ތައުލީމު ހާސިލު ކުރެވޭނެ ރަށަކަށެވެ. ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބެން ހުރި ރަށަކަށެވެ. އާއިލާއެކު އުޅެމުން ވަޒީފާ އަދާކުރުމުގެ ފުރުސަތު އޮތް ރަށަކަށެވެ.