28 Nov 2018, 10:52
މައްސަރު ދުވަސްވަރު އަންހެނުން ބޭނުންކުރާ ޕެޑާއި ޓެމްޕެކްސް ފަދަ ބާވަތްތަކުން ޓެކްސް ކަނޑާލާއިރު، ވިޔަފާރިވެރިން އެތަކެތީގެ އަގު ހެޔޮކުރޭތޯ ސަރުކާރުން ބަލަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ބުނެފިއެވެ.
ޕެޑާއި ޓެމްޕެކްސްއިން ޓެކްސް ކަނޑާލުމަށްޓަކައި މުދަލާއި ޚިދުމަތްތަކުގެ އަގުން ޓެކްސް ނެގުމުގެ ބިލަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ބަލައިގަނެ، އެ ބިލުގެ އިބްތިދާއީ ބަހުސް މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ އިރު، އެ ބިލާ ގުޅޭގޮތުން ވާހަކަދެއްކި މެމްބަރުން ވަނީ އެ ބިލަށް ތާއީދުކޮށްފައެވެ.
ބިލަށް ބަހުސްކުރައްވަމުން މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވީ މިފަދައިން ޓެކްސް ކަނޑާލުމަށްފަހު ވިޔަފާރިވެރިން މުދަލުގެ އަގަށް ބަދަލު ނުގެންނަކަމަށެވެ.
"ޓެކްސް ކަނޑާލިޔަސް އަގު ތިރިއެއް ނުކުރެވޭ. އަގު ތިރިކުރެވިގެން ދިޔަތޯ ބެލުމަކީ މުހިންމު ކަމެއް. މޮނިޓަރިންގް މެކަނިޒަމެއް ބޭނުންކޮށްގެން އެކަމުގެ ފައިދާއާ މަންފާ ލިބޭކަން ޔަގީންކުރަންޖެހޭ،" ރޮޒޭނާ ވިދާޅުވިއެވެ.
ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ވިދާޅުވީ ދުނިޔޭގެ ގިނަ ތަންތަނުގައި ޕެޑު ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ގިނަ މުދަލުން ޓެކްސް މާފުކޮށްފައިވާ ކަމަށެވެ. އަދި ޓެކްސް ކަނޑަލާ އިރު އާމްދަނީ ހޯދޭނެ އިތުރު އެހެން ގޮތްތައް ހޯދައި ރާވަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މުބީން ވިދާޅުވީ ޕެޑާއި ޓެމްޕޮންސްއަކީ ޒަރޫރީ ބޭނުމަކަށް ވާ އިރު، އެތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިއްކަމުން ދަނީ އެކި އަގުތަކުގައިކަން ފާހަގަވެފައިވާ ކަމަށެވެ.
"ކާޑުގެ އަގު ކޮންޓްރޯލުކުރި ފަދައިން މިފަދަ ޒަރޫރީ ތަކެތީގެ އަގުވެސް ޕްރިންޓުކޮށްގެން ކޮންޓްރޯލުކުރަން އެބަ ޖެހޭ. ޓެކްސް ކަނޑާލުމުގެ ސަބަބުން އަު ކުޑަވާ ކުޑަވުން ހަގީގީ މާނައިގައި ރައްޔިތުންނަށް ލިބުންކަން ކަށަވަރުކުރަންޖެހޭ،" މުބީން ވިދާޅުވިއެވެ.
ބައެއް މެމްބަރުން ވަނީ މައްސަރު ދުވަސްވަރު ބޭނުންކުރާ ތަކެއްޗާއި އެހެނިހެން ޒަރޫރީ ތަކެތިން ޑިއުޓީ ނަގައި، ނަމަވެސް އަގުބޮޑެތި ތަކެތިން ޓެކްސް ކަނޑާލާފައިވާތީ އެކަމަށް ފާޑު ވިޑާޅުވެފައެވެ.
އެގޮތުން، ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވަނީ މަސްވެރިންގެ އޮޑިދޯނިފަހަރުގެ އިންޖީނުން ނަގާ ޓެކްސް ކަނޑާލަންޖެހޭ ކަމަށް ވިދާޅުވެފައެވެ. މެމްބަރު ރޮޒައިނާގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު އަދި އިތުރު މެމްބަރުންވެސް ވަނީ ކުޑަކުދިންގެ ނެޕީއިން ނަގާ ޓެކްސް ކަނޑަލަންޖެހޭކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ ކުރީގެ ސަރުކާރުން ވަނީ ލަގްޒަރީ ޔޮޓާއި ރަން ފަދަ، "ރައްޔިތުންނާ އެންމެ ގުޅުން ނެތް" ތަކެތިން ޑިއުޓީ ކަނޑަލާފައި ކަމަށެވެ.
"މިއީ ޑިއުޓީ ބޮޑުވެގެން ދާންޖެހޭނެ ތަކެތި. ރިސޯޓެއް ހެދޭނަމަ ހުރިހާ މުދަލެއްގެ ޑިއުޓީ ވަނީ ކެނޑިފައި. ނަމަވެސް މަސްވެރިކަމަކީ އެންމެ އާދައިގެ ނިކަމެތި މީހާ ލޯނަކުން ފަށައިގަންނަ މަސައްކަތަކަށް ވާތީ، މިކަމުގައި ހިމެނޭ ޑިއުޓީއާއި ޓެކްސް އުނިކުރުމަކީ ގިނަ ރައްޔިތުންނަށް ވެވޭނެ މަންފާއެއް،" އޭނާ ވިދާޅުވިއެވެ.