28 Nov 2018, 09:21
ސިޔާމް-މައުރޫފް ސޮކަރ ކަޕްގައި އިއްޔެ ވެލިދޫގެ މައްޗަށް ލަންދޫއިން ކުރި ހޯދައިފިއެވެ.
މި އަހަރުގެ ސިޔާމް-މައުރޫފް ސޮކަރ ކަޕް އޮންނަ ނ. ކެނދިކުޅުދޫގެ ފުޓުބޯޅަ ދަނޑުގައި، އިއްޔެ ހަވީރު ލަންދޫއިން ވެލިދޫ ބަލިކުރީ 2-0ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ގޯލު، ލިބުނު ޕެނަލްޓީއަކުން ލަންދޫއަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 69 އަހްމަދު އަފްސަލް އެވެ. މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް، ލަންދޫގެ ލީޑު ފުޅާކޮށްދިނީ، މޭން އޮފް ދަ މެޗުކަން ހޯދި ލަންދޫ ޓީމުގެ ޖާޒީ ނަމްބަރު 10 މުހައްމަދު ނަފްޝާންއެވެ.

ސިޔާމް މައުރޫފް ސޮކާކަޕްގައި އިއްޔެ ވެލިދޫ އާއި ލަންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން---
ލަންދޫ އާއި ވެލިދޫ ހިމެނޭ ގްރޫޕް ބީގައި ދެން ހިމެނެނީ، މާފަރާއި. ހޮޅުދޫ އާއި ކުޑަފަރީ އެވެ. އިއްޔެގެ މެޗަކީ އެ ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗެވެ. އެ ގްރޫޕުގެ ދެވަނަ މެޗު ކުޅޭނީ މިއަދު ހަވީރު އެވެ. އެ މެޗުގައި ބައްދަލު ކުރާނީ، ހޮޅުދޫ އާއި މާފަރެވެ.
މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ މިލަދޫ، ކެނދިކުޅުދޫ، މާޅެންދޫ، ހެނބަދޫ، މަނަދޫ އަދި މަގޫދޫއެވެ. މިހާރު އެ ގްރޫޕުގެ ހުރިހާ ޓީމެއް ވަނީ އެއް މެޗު ކުޅެފައެވެ.
އޭ ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުގައި ކެނދިކުޅުދޫ ވަނީ މާޅެންދޫ އަތުން ލަނޑެއް ނުޖެހި އެއްވަރު ވެފައެވެ. އަދި ހެނބަދޫ ވަނީ 1-0ގެ ނަތީޖާއިން މަނަދޫ ބަލިކޮށް ތިން ޕޮއިންޓު ހޯދާފައެވެ. އަދި ހެނބަދޫ އަތުން މިލަދޫ ވަނީ 1-0ގެ ނަތީޖާއިން މޮޅުވެފައެވެ.
އެހެން ކަމުން މިވަގުތު ގްރޫޕުގެ ކުރީގައި އޮތް މިލަދޫއާއި ހެނބަދޫއަށް ވެސް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ކެނދިކުޅުދޫ އާއި މާޅެންދޫއަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ.
ސިޔާމް-މައުރޫފް ސޮކަރ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 11 ރަށަކުން ވާދަކުރެއެވެ. މުބާރާތް ކުރިއަށް ދާނީ ނޮވެމްބަރު 24 އިން ޑިސެމްބަރު 25 އަށެވެ.