އަންނަ އަހަރު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ މަޖިލިސް މެންބަރުންނަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އެހެން ވިދާޅުވެފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު، ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމަށް ރޭ އޭ ޕާޓީގެ އޮފީސް ހުންނަ މ. ކުނޫޒްގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖޭޕީއާ ގުޅިވަޑައިގަންނަވާ ކޮންމެ މެންބަރަކަށް ވެސް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވުމަށް އަތުކުރި އޮޅާލައިގެން ހުންވި ކަން ގާސިމް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެ ބޭފުޅުން ތިއްބަވާނީ އަތާ އަތް ގުޅާލައިގެން އެކަކު އަނަކަކަށް އެހީތެރިވުމަށް ތައްޔާރުވެގެން ކަމަށެވެ.

" އަޅުގަނޑު ޔަގީންކަމާއި އެކު ދަންނަވަން އޮތީ މި ޕާޓީގެ ތެރެއިން އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން ކޮށްދެވެން އޮތް ހުރިހާ ކަމެއް މާތްﷲ އިރާދަކުރެއްވިއްޔާ ހާއްސަ ގޮތެއްގައި ޕާލިމެންޓްގެ އިއްޒަތްތެރި މެންބަރުންނަށް މި އަންނަނީ ކުރިމަތިވެގެން ޕާލިމެންޓްގެ އިންތިހާބް މިކަމުގައި ވެސް އަޅުގަނޑުމެނަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ގާނޫނީ ދުސްތޫރީ ހަމަތަކުގެ މަތިން އަޅުގަނޑުމެން ވެދޭނެ ކަމުގެ ޔަގީންކަން ފަށްފަށުން ތިބޭފުޅުންނަށް އަރުވަން،" ގާސިމް ވިދާޅުވިއެވެ.

ޖޭޕީއާ ގުޅިވަޑައިގަންނަވާ ކޮންމެ މެންބަރަކަށް ވެސް މަގާމްތަކަށް ވާދަކޮށް ކުރިއަށް ދިއުމުގެ މަގު އޮންނާނެ ކަމަށާއި އެމަނިކުފާނުގެ އާއިލާގެ މީހެއްގެ ސަބަބުން އެއްވެސް މެންބަރަކަށް ހުރަސްތަކެއް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެ މަގާމުގައި ބެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އިހްލާސްތެރިކަމާއި އެކު ކުރުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

"އަޅުގަނޑު މި ކުރާ މަސައްކަތެއް ކުރަމުން ގެންދާނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫނާއި ގާނޫނުގެ އިމުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް އަދި މަޖިލީހުގެ ގަވާއިދާ އެއްގޮތް ވާގޮތުގެ މަތިން އެމަނިކުފާނު (ރައީސް ޞާލިހް)ގެ ލަފަޔާއި އިރުޝާދު ލިބިގެން ކަން އަޅުގަނޑު ދަންނަވާލަން،" މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވިއެވެ.