28 Nov 2018, 00:49
އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބްގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށް ޕްރައިމަރީއަކާ ނުލައި ބައެއް މެންބަރުންނަށް މާދަމާ ޓިކެޓް ދީފާނެ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
އެކަން ހާމަކުރައްވައި ނިހާން މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ، އަންނަ އަހަރު އެންނަ މަޖިލިސް އިންތިހާބާއި ގުޅޭ މުހިންމު ބައްދަލުވެއް އެ ޕާޓީގެ އޮފީހުގައި ކުރިއަށް ދާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
"މިހާރު ތިބި ބައެއް އެމްޕީއިންނަށް މާދަމާ ޓިކެޓް ލިބިދާނެ،" ނިހާންގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ޕީޕީއެމްގެ މެންބަރުންނަށް ޓިކެޓް ދޭނެ ކަން ޕީޖީ ލީޑަރު ނިހާން ހަމާ ކޮށްފައިވާއިރު ރިޔާސީ އިންތިހާބުން އެ ޕާޓީއަށް ލިބުނު ނާކާމިޔާބީއަށް ފަހު ވަނީ ބައެއް މަޖިލިސް މެންބަރުން ޕާޓީ ދޫކުރައްވައި ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
ޕީޕީއެމް ބަލިކަށިވެފައިވާ މި ދަނޑިވަޅުގައި އެ ޕާޓީ ދޫކޮށް ނިކުންނަ މެންބަރުން ބުނަމުން ދަނީ ޕީޕީއެމްގައި މުސްތަގްބަލެއް ނެތް ކަމަށެވެ. އަދި ބައެއް މެންބަރުން ވަނީ ޕީޕީއެމްގެ ލީޑާޝިޕް ފެއިލް ވެއްޖެ ކަމަށް ބުނެ ލީޑާޝިޕު އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ.