ޖަލު ހުކުމްތަކެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ގޭ ބަންދަށް ބަދަލު ކޮށްފި އެވެ.

ދާދި ދެންމެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ އަދީބު މީގެ ކުރިން ދިރުއުޅުއްވަމުން ގެންދެވި ގ. ހުމަށި ގެއަށް ގެނެސްފައެވެ.

އަދީބު ގޭ ބަންދަށް ބަދަލުކުރުމަށް ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދީފައިވާ ކަމަށް އޭނާގެ އަނބިކަބަލުން މަރިޔަމް ނަޝަވާ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވެ ދާދި ފަހުން ވަނީ އެމަޖެންސީގައި އައިޖީއެމްއެޗަށް ގެނެސް އޮޕްރޭޝަނެއް ވެސް ކޮށްފަ އެވެ. އެ އޮޕަރޭޝަނަކީ އަދީބުގެ ކިޑްނީގައި ހުރި ހިލައެއް މުގުރާލުމަށް ކުރި އޮޕަރޭޝަނެކެވެ.

އަދީބު މިރޭ ގެއަށް ބަދަލުކޮށްފައި އެ ވަނީ އެ އޮޕަރޭޝަނަށް ފަހު ނުވަ ދުވަހު އައިޖީއެމްއެޗުގައި ބޭއްވުމަށްފަހު އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް އަންނަނީ ތަންފީޒު ކުރައްވަމުންނެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.