އެކި ބޭނުންތަކުގައި އިންޑިއާއަށް ދާ ދިވެހީންނަށް ފަސޭހަ ކަމާ އެކު ވިސާ ލިބޭނެ ގޮތް ހެދުމުގެ ގޮތުން އާ ވިސާ އެގްރީމަންޓެއްގައި ސޮއި ކުރަން ނިންމާފައިވާ ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި މިހާރު އިންޑިއާއަށް ވަޑައިގެން ހުންނެވި ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދިވެހީންނަށް އިންޑިއާއިން ފަސޭހަ ކަމާ އެކު ވިސާ ލިބޭނެ އެގްރީމެންޓްގައި ސޮއި ކުރުމަށް ހަމަޖެހިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ކަމަށެވެ.

"އެގޭ ސަބަބުން އިންޑިއާއަށްދާ ކިޔަވާ ކުދިންނާއި އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ފަސޭހަ ކަމެއް ލިބޭނެ،" ޝާހިދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ރައީސް ސޯލިހް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް ފޮރިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަގައި ވަނީ އެގައުމުގެ ރައީސް ރާމް ނާތު ކޯވިންދު އާއި ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖްއާ ބައްދަލުކުރައްވާފަ އެވެ.