27 Nov 2018, 21:10
ސިޓީ ކައުންސިލްތަކުން ނަގާފައިވާ ބާރުތައް އަލުން އެ ކަންސިލްތަކަށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަހަށް ކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކައުންސިލްތަކުން ނަގާފައިވާ ބާރުތައް އެ ކައުންސިލްތަކަށް އަނބުރާ ދިނުމަށްޓަކައި ސަރުކާރުގެ މިނިސްޓްރީތަކުން އެކަން ކުރެވޭނެ ގޮތްތަކެއް ކަނޑައަޅައި، އެކަންކަން ކުރެވޭނެ މަރުހަލާތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ސިޓީ ކައުންސިލްތަކަށް ދީފައިވާ ބައެއް މުހިންމު ބާރުތައް ސަރުކާރުގެ އެކި މިނިސްޓްރީތަކަށް ބަދަލުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުންނެވެ.
އެބާރުތައް ސަރުކާރަށް ނެގި ސަބަބެއްގެ ގޮތުގައި އޭރުގެ ސަރުކާރުގެ އިސްވެރިން ވިދާޅުވެފައި ވަނީ، އެ ބާރުތައް ސަރުކާރަށް ނެގުމަށް ނިންމީ ސަރުކާރުން ބޭނުންވާ ސްޕީޑްގައި ބައެއް ކަންސިލްތަކުން ރައްޔިތުންނަށް ހިދުމަތް ދެވެމުން ނުދާތީ ކަމަށެވެ. އަދި ބައެއް ކައުންސިލްތަކުން ސަރުކާރު ހިންގުމަށް ހުރަސް އަޅުމުންދާކަން ވެސް އޭރުގެ ސަރުކާރުން ވަނީ ތުހުމަތުކޮށްފަ އެވެ.