27 Nov 2018, 18:58
ރާއްޖެ، އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑާ ގުޅިގެން ހިންގާ އަސްކަރީ ތަމްރީން، "ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ" ގެ ތަމްރީނުތައް ދިފާއީ ވަޒީރު މަރިޔާ އަހްމަދު ދީދީ އާއެކު ނޫސްވެރިންނަށް ދައްކާލައިފި އެވެ.
މިއަދު ހެނދުނު، މާލޭގެ އިރުން 20 މޭލު ދުރުގައި ކުރިޔަށް ދިޔަ ކަނޑުމަތީގެ ފަރިތަކުރުންތައް ބައްލަވާލެއްވުމަށް މިނިސްޓަރު ވަޑައިގަތީ އިންޑިއާގެ ކޯސްޓް ގާޑް ހެލިކޮޕްޓަރެއްގަ އެވެ.
މި ފަރިތަކުރުން ތަކުގައި އިންޑިއާ ގެ ދެ މަނަވަރާއި ސްރީލަންކާގެ މަނަވަރު އަދި ރާއްޖޭގެ ފަރާތުން ހުރަވީ ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން އިންޑިއާގެ ނޭވީ ހެލިކަޕްޓަރަކާއި ނޭވީ ފްލައިޓް ދޯނިޔާ ވެސް ބައިވެރިވި އެވެ.

ދިފާއީ ވަޒީރު މަރިޔާ އިންޑިއާގެ ހެލިކަަޕްޓަރުގައި "ދޮސްތީ"ގެ ފަރިތަކުރުންތައް ބައްލައްވާލައްވަން ވަޑައިގަތުން -- ސަން ފޮޓޯ / އަވްޝަން އިލްޔާސް
މި ފަރިތަކުރުންތަކުގައި، މިއަދު ހެނދުނު ކުރިއަށް ދިޔައީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނާއި ކަނޑުމަތިން ހާލުގައި ޖެހޭ މީހުން ސަލާމަތްކޮށް، އެއް އުޅަދުން އަނެއް އުޅަދަށް ބަދަލުކޮށް، ފުރަތަމަ އެހީ ދޭނެ ގޮތްތަކާއި ހާލު ދެރަވެފައިވާ މީހުން އަވަސް ގޮތަކަށް އެންމެ ކައިރި ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ކަންކަން ކުރާނެ ގޮތްތަކެވެ. އަދި މީގެ އިތުރުން އިންޓަ ޕައިރަސީ އޮޕަރޭޝަން ނުވަތަ ކަނޑުފެރޭ މީހުންގެ ކިބައިން ހައިޖެކްޓް ކޮށްފައިވާ ބޯޓުތައް ސަލާމަތް ކުރެވޭނެ ގޮތް ވެސް ފަރިތަކޮށްފައިވެ އެވެ.
އިންޑިއާގެ މަނަވަރުގައި ހުންނަވާ އެމްއެންޑީއެފް މޭޖާ، ރިޒްމީ ވަލީދު "ސަން" އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ، މި ހަރާކާތުގެ ސަބަބުން ވަރަށް ގިނަ ކަންތައްތައް ފަހިވެ، ތިން ގައުމުގެ މެދުގައި ގުޅުން ވަރުގަދަ ވެގެންދާނެ ކަމަށެވެ.

ކަނޑު ފޭރިފައިވާ ބޯޓެއް ސަލާމަތް ކުރަނީ -- ސަން ފޮޓޯ/އަވްޝަން
"އަޅުގަނޑުމެންނަށް ފަހުގެ ޒަމާނީ އިކިއުޕްމަންޓްސްތައް ތަޖުރިބާ ކުރަން ލިބި، އެޑްވާސް އޮޕަރޭޝަންތަކަށް އެޑްވާސްވެ ވަރަށް ގިނަ އެއްޗިސްތަށް ދަސްވެގެން ދާނެ. އަދި ތިން ގައުމު ދެމެދުގައި ގެންގުޅޭ އޮޕަރޭޝަނަލް ޓެކްޓިކްސް އަދި ޕްރޮސީޖާތަކުގައި ހުންނަ ތަފާތުތައް ދަސްވެގެން ދާނެ. އެ ތަފާތުގެ ތެރެއިން ތިން ގައުމުގެ ގުޅިގެން އޮޕަރޭޝަންއެއް ހިންގަން ޖެހިއްޖެ ނަމަ އޮޕަރޭޝަންނެއް ހިންގުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މި ވަނީ،" ފަރިތަކުރުންތަކާ ގުޅޭގޮތުން މައުލޫމަތު ދެމުން މޭޖާ ރިޒްމީ ވިދާޅުވި އެވެ.
އެނާ ވިދާޅުވީ، ތިން ގައުމު މެދުގައި ގުޅިގެން ފަރިތަކުރުންތައް ކުރިއަށް މިދަނީ އިންޑީއާ ކަނޑުގައި މީހާރު ހިނގަމުން އަންނަ އަދި މުސްތަގުބަލުގައި ލަފާ ކުރެވޭ ހުރިހާ ނުރައްކާތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

ހާލުގައި ޖެހިފައިވާ މީހަކު އެއް މަނަވަރުން އަނެއް މަނަވަރަށް ބަދަލު ކުރުމަށް ހެލިކަޕްޓަރު ސްރީލަންކާ މަނަވާރާ ކައިރި ކުރަނީ -- ސަން ފޮޓޯ/އަވްޝަން
މި ހަރަކާތުގައި މެންދުރު ފަހު ކުރިއަށް ދިޔައީ ކަނޑަށް ތެޔޮއެޅުމުގެ ސަބަބުން ކަންތައް ކުރާނެ ގޮތް ބެހޭ ގޮތުން ކުރާ ފަރިތަކުރުން ތަކެވެ.
މިއަދު ހެނދުނާއި މެންދުރު ފަހު ބޭއްވި ފަރިތަކުރުންތަކާ އެކު މި ހަރަކާތުގެ ކަނޑުމަތީގެ ހަރަކާތްތައް ނިމުނީ އެވެ. މި ހަރަކާތުގެ ފަހު ދުވަހަކީ މާދަމާ އެވެ. މާދަމާ އޮތީ ތިން ގައުމުގެ ރިސެޕްޝަނެކެވެ.
އަދި މީގެ އިތުރުން މާދމާ ހެނދުނު ސޯޝަލް ސެންޓާގައި ތިން ގައުމުގެ ކޯސްޓްގާޑްގެ މެދުގައި ލީގު އުސޫލުން އެކުވެރިކަމުގެ ވޮލީ މެޗްތަކެއްވެސް ކުރިއަށް ދާނެ ކަމަށް ރިޒްމީ ވިދާޅުވިއެވެ.
ދިފާއީ ވަޒީރު މާރިޔާ ގެ އިތުން މި ހަރަކާތުގައި އެމްއެންޑީއެފް ޗީފް އޮފް ޑިފެންސް ޖެނެރަލް، އަހްމަދު ޝިޔާމް އަދި އިންޑިއާއި ސްރީލަންކާގެ ކޯސްޓްގާޑްގެ ޑިރެކްޓަޖެނެރަލް ބައްލަވާލެއްވި އެވެ.

މިއަދު ކުރިއަށް ދިޔަ ފަރިތަކުރުންތައް ބައްލަވާލެއްވުމަށް މިނިސްޓަރު މާރިޔާ، ޗީފް އޮފް ޑިފެންސް އަހްމަދު ޝިޔާމް އަދި އިންޑިއާއި ސްރީލަންކާގެ ކޯސްޓްގާޑްގެ ޑިރެކްޓަޖެނެރަލުން ބައްލަވާލައްވަނީ -- ސަން ފޮޓޯ/އަވްޝަން
އެކްސަޒައިޒް ދޯސްތީއަކީ 1992 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މި ސަރަހައްދުގައި ހިނގާ ކަނޑުމަތީގެ ހާދިސާތަކަށް ސަމާލުވުމަށް މި ސަރަހައްދުގެ ތިން ގައުމުން ކުރިއަށް ގެންދާ ކަނޑުމަތީ އަސްކަރީ ތަމްރީނުު ޕޮރޮގްރާމެކެވެ. އެގޮތުން މިއަހަރު މި ބާވަނީ "ދޯސްތީ 14" އެވެ.