މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލާފައިވާ މައްސަލައިގެ ހަގީގަތް ހޯދުމަށް މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރަމުންދާ ތަހުގީގަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބަޔާނެއް ދެއްވައިފިއެވެ.

އެ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ވަނީ ނޫސްވެރިޔާ ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގަށް މިނިސްޓަރު އަލީ ވަހީދު އެ ކޮމިޝަނަށް ބަޔާނެއް ދެއްވާފައިވާ ކަމަށެވެ.

ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

އެ މައްސަލައާ ގުޅިގެން 2016 އޭޕްރީލް މަހުގެ ދެވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ، ރިލްވާން ގެއްލުނުރޭ އެކާރު އޮތް ސަރަހައްދުން ތިން ފަހަރު މީހެއްގެ ހަޅޭކުގެ އަޑު އިވުނު ކަމަށާއި އެއިރު އެކާރުގެ ވައަތްފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެ ދޮރުން އަތެއް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ރިލްވާން ގެއްލިފައި ވަނީ ދުރާލައި ރާވައިގެން ބަޔަކު ކުރި ކަމެއްގެ ސަބަބުން ކަމަށެވެ. ރިލްވާނަށް ފާރަލުމުގައި އެންމެ އިސްކޮށް އުޅުނީ ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިލްވާން ގަދަކަމުން އެރުވި ކަމަށް ބުނާ ކާރުގެ ވެރިފާރަތް ކަމުގައިވާ އާލިފް ރައޫފާއި ސުއައިދަކީ ގާތް ދެ ރަހުމަތްތެރިން ކަމަށާއި އެ ދެ މީހުންނަކީ ވެސް ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ދެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރިލްވާންގެ ފޯނުގެ ނެޓުވޯކް ގެއްލިފައިވާ ހިސާބެއް ބެލުމަށް ކުރި މަސައްކަތުން އެ ފޯނު އޭގެ ޒާތުގައި ސުވިޗް އޮފްކޮށްލާފައިނުވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ސަތީހު ވިދާޅުވި އެވެ.