27 Nov 2018, 17:55
ކޮމިޝަނަރު ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމުން މުހައްމަދު ޖުނައިދު އިސްތިއުފާ ދެއްވައިފި އެވެ.
ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު މިއަދު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށް ސޮއިކުރެއްވި ޖުނައިދު، ކޮމިޝަނަރު ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމުން އިސްތިއުފާ ދެއްވިކަން 'ސަން' އަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
"އަނެހެން ވަކި ސަބަބެއް އޮވެގެނެއް ނޫން އިސްތިއުފާ ދެއްވީ. މަވަގުތު ކަންތައް ހުރި ގޮތުން އިސްތުއުފާ ދެއްވަން ނިންމީ،" ޖުނައިދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ވެރިކަމުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ޖުނައިދު ވަނީ އެމްޕީއެލްގެ ސީއީއޯގެ މަގާމް ވެސް އަދާކުރައްވާފަ އެވެ. އެމްޕީއެލްއިން އިސްތިއުފާ ދެއްވިތާ އަހަރެއްވާން ގާތް ވެފައި ވަނިކޮށް އޭނާ ވަނީ ދެވަނަ ފަހަރަށް ކޮމިޝަނަރު ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަނު ކުރައްވާފަ އެވެ.
ޖުނައިދު މީގެ ކުރުން ބުނެފައިވަނީ ކަސްޓަމްސްގައި އޭނާ ހުންނެވި މަގާމަށް އިތުރު ފަރާތެއް އައްޔަނު ކުރުމާ ހަމައަށް އެ މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ.
ޕީޕީއެމުން ވަކިވެ ޖުނައިދު އެމްޑީޕީއަށް ސޮއިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ޕްރައިމަރީގައި އިމާދު ސޯލިހަށް ކާމިޔާބު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.