އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބަދަލު ކުރަން މަޖިލީހަށް ހުށަހެޅި ބިލު ކޮމިޓީން ފާސްކޮށްފި އެވެ.

ވެރިކަމަށް ކުރިމަތިލާ މީހަކީ 65 އަހަރު ވެފައި ނުވާ މީހެއް ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޕީޕީއެމުން ހުށަހަޅައިގެންނެވެ. އެ ބަދަލު ކުރިން ގާނޫނު އަސާސީގައި އޮތް ގޮތަށް ބަދަލު ކުރަން ވެސް މިފަހަރު ހުށަހެޅީ ޕީޕީއެމްގެ ފަރާތުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އެވެ.

އެ މައްސަލަ ދިރާސާ ކުރަން އެކުލަވާލި ވަގުތީ ކޮމިޓީން ވަނީ 65 އަހަރުވިޔަސް ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން ފާސްކޮށްފަ އެވެ. އެގޮތަށް ފާސްކުރީ ކޮމިޓީގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ބެލެވޭ ގޮތުން މަޖިލީހުގެ މިރޭ ޖަލްސާއެއްގައި އެ އިސްލާހު ފާސްކުރަން ވޯޓަށް އަހާނެ އެވެ.

ބިލު ދިރާސާ ކުރަން އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ބިލު މަޖިލީހަށް ހުށަހެޅުއްވި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އަދި މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދުގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އަދި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އެވެ.

ވެރިކަން ކުރެވޭނެ އެންމެ މަތީ އުމުރު ކަނޑައެޅުމަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް 2015 ޖޫން 24ގައި ނެގި ވޯޓުން އެ އިސްލާހު ގެނައުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 80 މެންބަރުންގެ ތެރެއިމް 78 މެންބަރުންގެ ވޯޓާ އެކު އެވެ.

އެ އިސްލާހު ފާސްކުރުމަށް އޭރު ވޯޓު ނުދެއްވީ ގަލޮޅު ދެކުނު ދައީރާގެ މެމްބަރު އަހުމަދު މަހުލޫފާއި އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެވެ.

އެ ވޯޓުގައި ޕީޕީއެމްގެ މެމްބަރުންނާއި އެމްޑީޕީ މެންބަރުން އިސްތިސްނާވުމެއް ނެތި ވަނީ ވޯޓު ދެއްވައިފަ އެވެ.

އެ އިސްލާހު ގެނައުމަށް މީގެ ކުރިން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް އެ އިސްލާހު އޭނާ އަނބުރާ ގެންދަވާފައިވާ ކަމަށް މިއަދުގެ މަޖިލީހުގައި ރިޔާސަތުން އިއުލާނުކުރި އެވެ.