27 Nov 2018, 16:12
ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި ނުބެލި ހުރި މަރުތަކުގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެކުލަވާލި ރިޔާސީ ކޮމިޝަނަށް، މައްސަލަތައް ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
އިއްޔެ އެކޮމިޝަނުން ނެރުނު އިއުލާނުގައި ބުނެފައި ވަނީ، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެގެން ތަޙްގީގު ނުކުރެވި، ނުވަތަ އެކަށީގެންވާ މިންވަރަށް ތަޙްގީގު ނުކުރެވި ހުރި މައްސަލަތަކެއް ހުރިކަމަށް ފާހަގަ ކުރެއްވޭ ނަމަ، އެ މައްސަލަތަކުގެ މަޢުލޫމާތު އެކޮމިޝަނަށް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން މައްސަލަ ހުށަހެޅުމަށް ހުޅުވާލައިފައި ވަނީ އިއްޔެ އިން ފެށިގެން މިއަންނަ މަހު 26 ގެ ނިޔަލަށެވެ.
ކޮމިޝަނުން ބަލަން ނިންމައިފައި ވަނީ އެކެއް ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރި ވެގެން އެކަށީގެންވާ މިންވަރަށް ތަހުގީގު ނުކުރެވި ހުރި މައްސަލަތަކެވެ.
އެކޮމިޝަންގެ މެމްބަރުންނަށް ރައީސް ސޯލިހް މިދިޔަ ބުދަ ދުވަހު ފަތްކޮޅު އެރުއްވުމަށް ފަހު، ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް، ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލު ސުއޫދު ވިދާޅުވީ، 30 ދުވަހަށް އާންމުންނަށް އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލާނެ ކަމަށާއި އެއަށް ފަހު މައްސަލަތައް ބަލަން ކަނޑައަޅާ މައްސަލަތައް ފައިނަލް ކުރެވުމުން ބާލާނެ މައްސަލަތައް އާންމުންނާ ހިއްސާކުރާނެ ކަމަށެވެ.
އެކޮމިޝަނުން އެ ދުވަހު ބުނީ ކޮމިޝަނުގެ މަސައްކަތްތައް ދެ އަހަރު ތެރޭ ނިންމަވާލެވޭނެ ކަމަށާއި އަދި ކޮމިޝަނުން މައްސަލަތައް ބެލުމަށް ރާއްޖޭގެ ސަލާމަތީ ބަރުތަކާއި ތަޖުރިބާކާރު ބޭފުޅުންގެ އެހީތެރިކަން ހޯދާނެ ކަމަށެވެ.
ކޮމިޝަން ގެ މަސައްކަތަތަކާ ގުޅޭ ގޮތުން ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ގާނޫނެއް މަޖިލީހަށް ފޮނުވަން ސަރުކާރުން ނިންމަވައިފާވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.
މަރުތައް ތަހުގީގުކުރުމަށް އުފެއްދި މި ރިޔާސީ ކޮމިޝަން އުފައްދާފައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.