27 Nov 2018, 16:18
އާ ސަރުކާރުގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ދ. ކުޑަހުވަދުއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި އެވެ.
ޖެންޑާ މިނިސްޓްރީ އިން ރޭ ބުނީ އިއްޔެ މިނިސްޓަރު ކުރެއްވި ދަތުރުފުޅަކީ ކުޑަހުވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާ ދައުރަކަށް އެކުލަވައިލުމާ ގުޅިގެން ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށް ޓަކައި ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.
ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ ކޮމިޓީއަކީ އަތޮޅާއި ރަށުގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރެވޭނެ ބައެއްކަމަށެވެ. އަދި އަންހެނުންނާއި އަންހެން ކުދިންގެ ރައްކާތެރިކަމާއި ކުރިއެރުމަށް މަސައްކަތްކޮށްދޭން ޖެހޭނެ ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.
"މިފަދަ ފުރުސަތެއްގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި އަންހެނުންނާއި އަންހެން ކުދިންގެ ރައްކާތެރިކަމާއި ކުރިއެރުމަށް މަސައްކަތްކޮށްދެއްވުމަށް އެދެން،"
ކުޑަހުވަދޫއަށް ކުރެއްވި މި ދަތުރުފުޅުގައި، އެރަށު ކައުންސިލްގެ މެންބަރުންނާ ބައްދަލުކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި އެ މުއައްސަސާތަކާ ގުޅިގެން މިނިސްޓްރީން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.