27 Nov 2018, 15:20
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.
އެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ ގ. ފަސްމަންދު ތޮއްޔިބު މުހައްމަދެވެ. ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ ތޮއްޔިބު އެ މަގާމަށް އައްޔަނު ކުރެއްވީ މިއަދު ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އާޓްސް އެންޑް ކަލްޗަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވައިފައިވާ ތޮއްޔިބު ވަނީ އެމްއެމްޕީއާރުސީގެ ޗެއާމަންގެ މަގަމު ވެސް އަދާކުރައްވައިފަ އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުﷲ ޒިޔަތު ހައްޔަރު ކުރުމުން އެކުންފުނީގެ ހިންގުން ހަވާލުކުރެއްވީ މުހައްމަދު ހާރިސް އާއެވެ. އޭނާ ހުންނެވީ ކުންފުނީގެ އެކްޓިން އެމްޑީގެ މަގާމުގަ އެވެ. ޒިޔަތު މަގާމުން ވަކިކޮށްފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ ކުންފުންޏެވެ. އެ ކުންފުނި ހިންގަނީ ޓޫރިޒަމް މިނިސްޓްރީގެ ދަށުންނެވެ.