އާ ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދުއާ ބައްދަލުކުރައްވައިފި އެވެ.

މިނިސްޓަރު އިންޑިއާގެ ރައީސްއާ ބައްދަލުކުރައްވާފައި ވަނީ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.

ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ނިއު ދިއްލީގައި ހުންނަ ރައީސް އޮފީސް ރާޝްތްރަޕަތީ ބަވާންގައި އެވެ.

މިބައްދަލުވުމުގައި ވަނީ ގިނަ ކަންތައްތަކެއް މަޝްވަރާކޮށްފަ އެވެ. އިންޑިއާގެ ރައީސް އޮފީހުން ކުރި ޓްވީޓްގައި ބުނީ ރާއްޖޭގެ އިޖްތިމާއި އަދި އިގްތިސޯދީ ތަރައްގީއަށް ބޭނުންވާނެ ކަންކަން ބަލައި ދިރާސާކޮށް އިންޑިއާ އިން ރާއްޖެއަށް އެހީތެރިވާނެ ކަމަށެވެ. އަދި އިންޑިއާ އިން ތިބީ ރާއްޖެއަށް އެހީވާން ތައްޔާރަށް ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.

އިއްޔެ މިނިސްޓަރު ޝާހިދު ވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރޭޖާ ވެސް ބައްދަލުކުރައްވައިފަ އެވެ.