ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ދިރިއުއްވާ ގެކޮޅުން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުެ ޑީއެއެންއޭ ފެނިފައި ވުމުން، އެ މައްސަލަ އިތުރަށް ބެލުމުން، ނާޒިމް މައްޗަށް ކުރި 11 އަހަރުގެ ޖަލު ހުކުމަށް ބަދަލު އަންނާނެ ކަމަށް ގަބޫލު ކުރާ ކަމަށް ދައުލަތުން މިއަދު ބުނެފި އެވެ.

ނާޒިމްގެ ކޮޓަރީގައި އޭނާގެ އެނދު ކައިރީގައި ހުރި ކަބަޑަކުން ފެނިފައި ވަނީ ސީރިއަލް ނަމްބަރު ނޭނގޭ ގޮތަށް ހަދާފައިވާ ފިސްތޯލައަކާއި ތިން ވަޒަނެވެ. ނާޒިމް ވިދާޅުވަމުން ގެންދެވީ އެކަމަކީ އޭނާ ފްރޭމް ކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. އަދި އެކަމުގައި އަޑީގައި ވަނީ ކުރީގެ ރައީސް ޔާމީން، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ނާޒިމްގެ ޖަލު ހުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފަ އެވެ. މީގެ ކުރިން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅުމުން، އިބްތިދާއީ އަޑުއެހުމެއް ބާއްވާފައި ވަނިކޮށް، ރެޖިސްޓްރާގެ ނިންމުމަކުން އިސްތިއުނާފު ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ.

މިއަދު ފުރަތަމަ އޮތީ، ނާޒިމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އިބްތިދާއީ އަޑުއެހުމެވެ. އެ އަޑުއެހުމުގައި އޭނާގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، ކުރިން ނާޒިމްގެ އިސްތިއުނާފު މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމީ އާންމުކޮށް އެކަމުގައި އަމަލު ކުރާ ގޮތާ ހިލާފަށް ކަމަށެވެ. އެހެން ކަމުން ގާނޫނު އަސާސީގެ 20 ވަނަ މާއްދާއިން ނާޒިމަށް ލިބިދޭ ހަމަހަމަ ކަމުގެ ހައްގު ގެއްލޭ ކަމަށް ނޫރު ވިދާޅުވި އެވެ.

އޭގެ އިތުރުން، ނާޒިމްގެ ކޮޓަރިން ފެނުނު ބަޑީގެ ޑީއެންއޭ އެނަލިސިސް ހެދުމުން، އެއިން އަހްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާތީ އާއި އެ ފިސްތޯލަކީ ނާޒިމްގެ ފިސްތޯލެއް ނޫންކަމަށް އަދީބު ފަހުން ބުނެފައި ވުމުން، އެ މައްސަލަ އަލުން މުރާޖާ ކުރުމަށް ބަލައިގަތުމަށް ނޫރު އެދިވަޑައިގެންނެވި އެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ފަރާތުން އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ނާޝިދު ވިދާޅުވީ، ފެންމަތިވެފައިވާ ހެކިތަކުން ދަށު ކޯޓުގެ ނިންމުމަށް ބަދަލު އަންނާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ނާޒިމްގެ މައްސަލަ ބެލުމަށް މިއަދު ނިންމީ މައްސަލަ ބެއްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އަދި 15 މިނެޓުގެ މެދުކެނޑުމަކަށް ފަހު ޝަރީއަތުގެ މަޖިލީސް ފެށި އެވެ

މިއަދު ނޫރު ވެސް ފާހަގަ ކުރެއްވީ ދަށު ކޯޓުން ކުރި ހުކުމާ މެދު ޝައްކު އުފެދޭ ވަރަށް ހެކި ފެންމަތިވެފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، ނާޒިމްގެ މައްސަލައިގައި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައި ވަނީ ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް ހުއްޓައި އެކަންކަމަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ.

އެގޮތުން، އެއްވެސް އިރެއްގައި ނާޒިމްގެ ގެއިން ފެނިފައިވާ ފިސްތޯލައިން އޭނާގެ ފިންގާ ޕްރިންޓު ފެނިފައި ނުވާ ކަމަށް ނޫރު ވިދާޅުވި އެވެ. އަދި އޭނާ ދިރިއުޅޭ ގޭގެ އެއްވެސް މީހެއްގެ ނިޝާނެއް ވެސް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނާޒިމްގެ ކޮޓަރީގައި ތިޖޫރީ ހުންނަ އިރު އޭނާގެ ކަބަޑެއްގައި ނުރައްކާތެރި ހަތިޔާރެއް ބާއްވާފައި އޮތުމަކީ ވެސް ބުއްދި ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ނާޒިމް ފްރޭމް ކޮށްފައިވާ ކަމަށް ބުނާ ވާހަކަތަކަށް އިތުރު ބާރެއް ދިނުމަށް ނޫރު ފާހަގަ ކުރީ ހައިކޯޓުގައި އެ މައްސަލަ ބެލި އިރު ނެގި ފުލުހުންގެ ހެކިބަހެވެ. އޭނާ ފާހަގަ ކުރީ، ނާޒިމްގެ ކޮޓަރި ފުލުހުން ބަލާ ފާސް ކުރި އިރު، ފިސްތޯލަ ފެނުނު ކުޑަ ކަޅު ދަބަސް ނެގީ އާސިފް ކިޔާ ފުލުހެއް ކަމަށެވެ. އަދި އެ ދަބަސް ނެގައި އެއީ ކޯންޗެއްތޯ ސުވާލު ކުރި އިރު އެ ދަބަސް ހުޅުވާފައި ވެސް ނުވާ ކަމަށާއި، ކަބަޑު ތެރޭގައި އޮއްވައި ފޮޓޯ ނެގީ ވެސް ފިސްތޯލަ ފެނުނު ފަހުން ކަމަށް ފުލުހުންގެ ހެކިބަހާ ހަވާލާދީ ނޫރު ވިދާޅުވި އެވެ.

އޭގެ އިތުރުން، ކޮންފަރެންސް ކޯލެއްގެ ތެރެއިން ނާޒިމް "ހޭ އަރުވާލާނެ" ކަމަށް އަދީބު ވިދާޅުވި ކަމަށް ނޫރު ވިދާޅުވި އެވެ. އަދި އެ ކޮންފަރެންސް ކޯލުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ދިފާއު ބިނާ ކުރުމަށް 50 ހެކިން ހުށަހެޅި ކަމަށާއި އެހެން ނަމަވެސް އޭނާއަށް ފުރުސަތު ދިނީ އެންމެ ހަތަރު ހެކިންގެ ހެކިބަސް ނެގުމަށް ކަމަށް ވެސް ނޫރު ވިދާޅިވި އެވެ. އަދި އެންމެ މުހިންމުވީ އަދީބާއި ސީޕީ ވަހީދުގެ ހެކިބަސް ނަގަން ކަމަށްވި އިރު އެ ދެ ބޭފުޅުންގެ ހިކިބަސް ނަގަން ވެސް ފުރުސަތު ނުދިން ކަމަށް ނޫރު ވިދާޅުވި އެވެ. ނޫރު ވިދާޅުވީ ނާޒިމަށް ދިފާއު ބިނާ ކުރުމަށް ބޭނުންވާ ކަންތައްތައް ފުރިހަމަ ކޮށްދީފައިވާ ކަމަށެވެ. އަދި އިންސާފުން ޝަރީއަތް ކުރުމުގެ ހައްގުން އޭނާ މަހުރޫމު ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އޭނާގެ މައްޗަށް ކޯށްފައިވާ ހުކުމް ބާތިލުކޮށްދިނުމަށް ނޫރު އެދިވަޑައިގެންނެވި އެވެ.

ދައުލަތުގެ ވަކީލު ނާޝިދު މިއަދު އެދިވަޑައިގެންނެވީ، ކުރިން ރިއާޔަތް ނުކޮށް ހުރި ކަންތައްތަކަށް ރިއާޔަތް ކުރުމަށް ފަހު އަދުލުވެރިކަމާ އެކު ހުކުމް ކުރުމަށެވެ. ދަށު ކޯޓުން ކުރި ހުކުމް ދަމަހައްޓަން އޭނާ އެދިވަޑައިނުގަންނަވަ އެވެ.

ނާޒިމްގެ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާފަ އެވެ. އެ މައްސަލައިގައި އިތުރު ކަމެއް ސާފުކުރަން ބޭނުން ނުވާ ނަމަ ދެން އޮންނާނީ ހުކުމް ކުރުމެވެ.