19:00


އިނގިރޭސިވިލާތުގެ ކަމްބްރިއާގައި މަސައްކަތްކުރާ ޓެކްސީ ޑްރައިވަރަކު ހަތިޔާރާ އެކު މަގުމައްޗަށް ނުކުމެ، އާންމުންގެ 12 މީހަކު މަރާލައި އިތުރު 20 މީހަކު ޒަޚަމް ކޮށްލައިފި އެވެ.


އަލްޖަޒީރާ އިން ބުނާގޮތުގައި މިހާދިސާ ހިނގާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. އަދި މިހަމަލާތައް ދީފައިވަނީ ކަމްބްރިއާ ކައުންޓީގައި މަސައްކަތްކުރާ އުމުރުން 52 އަހަރުގެ ޓެކްސީ ޑްރައިވަރެއް ކަމަށްވާ ޑެރެކް ބަރޑް ކަމަށާއި އާންމުންނަށް ހަމަލާދިނުމަށް ފަހު އޭނާ އަމިއްލައަށް ހަމަލާދީ މަރުވެފައިވާ ކަމަށް ވެސް އަލްޖަޒީރާއިން ބުނެ އެވެ.


މިކަމާ ގުޅިގެން އިނގިރޭސި ވިލާތުގެ ފުލުހުން ބުނެފައިވަނީ ބަރޑްގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އޭނާގެ އެއްމާބަނޑު ކޮއްކޮ އާއި އޭނާގެ އާއިލާގެ ވަކީލު ހިމެނޭ ކަމަށެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވީ ކީއްވެތޯ ބަލައި ތަހުގީގުކުރުމަށް 100 އަށް ވުރެ ގިނަ އޮފިސަރުންގެ ޓީމެއް އެކުލަވާލާފައިވާ ކަމަށް ވެސް އެފަރާތުން ބުނެ އެވެ.


އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ބަރޑް އުޅެފައިވަނީ ވަރަށް ބޮޑު އާއިލީ މައްސަލަތަކެއްގެ ތެރޭގަ އެވެ. އަދި ހަމަލާދިން ދުވަހުގެ ކުރީ ރޭ އެހެން ބައެއް ޓެކްސީ ޑްރައިވަރުންނާ ޒުވާބުކޮށް އަނެއް ދުވަހު ހަމަލާދޭނެ ކަމަށް ބުނެ އިންޒާރުކޮށްފައިވާ ކަމަށް ބަރޑްގެ ރަހުމަތްތެރި ޑްރައިވަރަކު ބުނެފައިވާ ކަމަށް އެ ރިޕޯޓްތަކުގައިވެ އެވެ.


ބަރޑްގެ މިހަމަލާތަކަކީ 1996 ވަނަ އަހަރުގެ ފަހުން އިނގިރޭސި ވިލާތުގައި ހިނގި މިފަދަ އެންމެ ބޮޑު ލޭއޮހޮރުވުމެވެ.