ފެށޭ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް ހުށަހެޅި ވަރަށް ވުރެ ބޮޑުކޮށް، 30.2 ބިލިއަން ރުފިޔާއަށް މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅި ބަޖެޓުގެ އަދަދަކީ 26.6 ބިލިއަން ރުފިޔާ އެވެ. އެ އަދަދު ބޮޑުކޮށް ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ބަޖެޓް ފާސްކުރަން މަޖިލީހުގެ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުން ވަނީ ވޯޓު ދީފަ އެވެ. މަޖިލީހުގެ ޖަލްސާގައި މިރޭ ބައިވެރިވީ 73 މެމްބަރުންނެވެ.

ބަޖެޓަށް އިތުރުކުރެވުނު ކަންކަން

  • ފޮރިން މިނިސްޓްރީގެ ބަޖެޓަށް 25 މިލިއަން ރުފިޔާ އިތުރު ކުރި

  • ހަޔަ އެޑިއުކޭޝަނުން ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔަވާ ދިނުމަށް ހިނގާ ހަރަދަށް 50 މިލިއަން ރުފިޔާ އިތުރު ކުރެވުނު
  • ރައީސްކަން ކޮށްފައިވާ މީހުންނަށް ދޭ އެލަވަންސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިނުމަށް އެއް މިލިއަން ވިހިހާސް ރުފިޔާ އިތުރު ކުރެވުނު
  • ރައްޔިތުންގެ މަޖިލީހުގެ ބަޖެޓަށް 31.89 މިލިއަން ރުފިޔާ އިތުރު ކުރި
  • ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ ބަޖެޓަށް 37 މިލިއަން ރުފިޔާ އިތުރު ކުރެވުނު
  • ޕީ.އެސް.އައި.ޕީ ބަޖެޓަށް 458.1 މިލިއަން ރުފިޔާ އިތުރު ކުރެވުނު

ދައުލަތުގެ ބަޖެޓް 30 ބިލިއަން ރުފިޔާއަށް އެ ބަދަލުތަކާއެކު އަރާއިރު 2019 ވަނަ އަހަރު ދައުލަތުގެ ދަރަނި 61.3 ޕަސެންޓް އިތުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމި ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

2019 ވަނަ އަހަރުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ބަޖެޓް ދިރާސާކޮށް ނިންމައި ކޮމިޓީން ވަނީ ލަފާތަކެއްވެސް އަރުވާފަ އެވެ. އެގޮތުން އައު ސަރުކާރުން ސަރުކާރުގެ އޮފީސްތަކަށް ގެނެވުނު ބަދަލާ ގުޅިގެން އެ އޮފީސް ތަކުގެ ބަޖެޓް އޮންނާނެ ގޮތް ބަޖެޓް ފާސް ކުރާތާ 30 ދުވަހުގެ ތެރޭގައް މަޖިލީހަށް އެންގުމަށް ވަނީ ލަފާ ދީފަ އެވެ.

އަދި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ހޯދުމަށް ނިއު ޕޮލިސީ އިނިޝިޭޓިވްގެ ބަޖެޓުން އެ އޮތޯރިޓީއަށް ބޭނުންވާ ބަޖެޓް ހަމަަޖައި ދިނުމަށްވެސް ބަޖެޓް ކޮމިޓީން ވަނީ ލަފާ އަރުވާފަ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމނިސްޓްރޭޝަން (ޑީޖޭއޭ) އަށް ބަޖެޓް އިތުރުކޮށްދީފައި ވާއިރު މިހާރަށް ވުރެ ބާރު ސްޕީޑުގައި މައްސަލަތައް ނިންމަށްވެސް ބަޖެޓް ކޮމިޓީން ލަފާއެރުވި އެވެ. އަދި ޑީޖޭއޭގެ ޕާފޯމެންސް އޮޑިޓެއް ކޮށް މާލިއްޔަތު ކޮމިޓީއަށް އަދި މިިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުމަށްވެސް ލަފާ އެރުވި އެވެ.

އޭގެ އިތުރުން މިހާރު ހަދަން ފަށާފައި ހުރި ޑޮމެސްޓިކް އެއާޕޯޓުތައް ނުހުއްޓައި ކުރިއަށް ގެންދިއުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި އެތަންތަނުގެ ޕާފޯމެންސް އޮޑިޓެއް ކުރުމަށްވެސް ބެޖެޓް ކޮމިޓީން ލަފާ އެރުވި އެވެ.

2019 ވަނަ އަހަރުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަދި ކުރީގެ ސަރުކާރުން ހިންގާފައިވާ މެގަ ބްރޮޖެކްޓްތަކުގެ ތެރެއިން ހައުސިންގް މަޝްރޫއުތަކާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްރޮޖެކްޓާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތާއި ބުރިޖުގެ އިތުރުން ޑޮމެސްޓިކް އެއާޕޯޓުގެ ޕްރޮޖެކްޓް ހިންގާފައިވަނީ ދައުލަތުގެ ކަމާ ގުޅުން ހުރި ގާނޫނުއަކާއި އެއްގޮތަށްތޯ ބަލައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެންގުމަށްވެސް ލަފާ ބަޖެޓް ކޮމިޓީން ލަފާ އަރުވާފައިވެ އެވެ.

އޭގެ އިތުރުން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބަލައި އެ މައްސަލާގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ މިންވަރު އެނގޭނެ އޮޑިޓެއް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްމަށްވެސް ލަފާދީފައިވެ އެވެ.

މީހުން ދިރިއުޅޭ ރަށްރަށް ކުނިކަހާ ސާފުކުރާ މީހުންނަށްދޭ ފައިސާގެ އަދަދު މިހާރަށްވުރެ އިތުރުކުރުމަށްވެސް ބެޖޓް ކޮމިޓީން ވަނީ ލަފާ އަރުވާފަ އެވެ.

ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކުރި އިރު ވަނީ ފަންނީ ބޭފުޅުންގެ ލަފާވެސް ހޯއްދަވާފަ އެވެ. އެގޮތުން އެމްއެމްއޭގެ ގަވަރުނަރާއި ކުރީގެ ފައިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އަދި މިހާރުގެ ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ބަޖެޓް ކޮމިޓީއަށް ހާޒިރުކޮށް އެބޭފުޅުންގެ ލަފާވެސް ހޯއްދެވި އެވެ.