ސިވިލް ސާވިސްގެ މުވައްޒަފުން މަގާމުން އިސްތިއުފާނުދީ އިންތާބުގައި ވާދަކުރާ ނަމަ، ވަޒީފާ އިން ވަކިކުރާނެ ކަމަށް ސިވިލްސާވިސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަން މިއަދު އާންމުކުރި ސާކިއުލާއެއްގައި ބުނީ ގާނޫނު އަސާސީގައި ބުނާ އާންމު އިންތިހާބެއްގައި ވާދަކުރާ ނަމަ އެ އިންތިހާބެއް ބޭއްވުމުގެ ހަ މަސްކުރިން މުވައްޒަފު ހުރި މަގާމުން އިސްތިއުފާ ދޭންވާނެ ކަމަށް ސިވިލްސާވިސްގެ ގާނޫނުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އިސްތިއުފާ ނުދީ ހުރެ އެފަދަ މަގާމަކަށް ކުރިމަތިލައިފި ނަމަ ވަޒީފާއިން ވަކިކުރަންވާނެ ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.

ސިވިލްސާވިސް ކޮމިޝަނުން ބުނީ ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން 2019 ވަނަ އަހަރުގެ އާންމު އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުންދާކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.

"ދިވެހި ސިވިލްސާވިސްގެ ގަވައިދު 2014ގެ 203 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ގަސްދުކުރާ ފަރާތްތައް އެ މުވައްޒަފު ހުރި މަގާމުން އިސްތިއުފާ ދިނުމަށާއި އަދި މަގާމުން އިސްތިއުފާނުދީ ހުރެ އެ އިންތިހާބަށް ވާދަކޮށްފި ނަމަ ވަޒީފާ އިން ވަކިކުރެވޭނެ ކަމުގައި ދަންނަވަމެވެ،" އެ ސާކިއުލާގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗު މަހު 22ގަ އެވެ.