ސިނަމާލެ ބްރިޖު މަތިން މާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރުކުރާ ބަސްތައް މަޑުކުރާނެ ބަސް ސްޓޮޕްތައް އިތުރުކުރުމަށް މަޝްވަރާކޮށްފި އެވެ.

ޓްރާސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވަނީ މިއަދު ފުލުހުންނާއި ހައުސިން މިނިސްޓަރު އަދި ހޯމް މިނިސްޓަރާއި ޕްލޭނިން މިނިސްޓަރު އަދި މާލޭ ސިޓީގެ މޭޔަރާ ބައްދަލުކުރައްވާ މިކަމާ ގުޅޭ މަޝްވަރާތައް ކުރައްވައިފަ އެވެ.

ބްރިޖުބަސްތައް މަޑުކުރާނެ ބަސް ސްޓޮޕްތައް ގާއިމްކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާލެ އާއި ހުޅުމާލެ އާއި ދެމެދު ދުއްވާ ބަސް މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކަށް މަޑުކުރުމަށް ބަސް ސްޓޮޕްތައް ހަދަން ނިންމާފައި ވަނީ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގަ އެވެ.

މީގެ އިތުރުން މާލޭގައި މުދާ ލޯޑުކޮށް އަންލޯޑުކުރާ ސަރަަހައްދުތައް ކަނޑައެޅުމަށް ވެސް މިއަދު ވަނީ މަޝްވަރާކުރައްވައިފަ އެވެ. މިކަމަކީ ވެސް ސަރުކާރުގެ ފުރަތަމަ އެއްމަސް ތެރޭ ނިންމަން ކަނޑައަޅާފައިވާ ކަމެކެވެ.

ދަތުރުފަތުރުގެ ދާއިރާއިން ކުރަން ނިންމާފައިވާ ކަންތަކުގެ ތެރެއިން ފުރަތަމަ އެއް ހަފްތާ ތެރޭ ކުރަން ނިންމި ކަންތައް މިހާރު ވަނީ ތަންފީޒުކުރަން ފަށައިފަ އެވެ. އެގޮތުން ޓެކްސީ ބޯޑުގެ ފީ ކަނޑާލައި ފަޅުތެރޭން ދައުލަތުގެ ބޭނުމަށް ނަގާފައި ހުރި ބައެއް ސަރަހައްދުތައް އާންމުންނަށް ލުއިފަސޭހަވާނެ ގޮތަށް ހުޅުވައި، މާލޭ މަގުތަކުގައި ބޭނުން ނުކޮށް ހުންނަ ވެހިކަލްތައް ގަވާއިދުން ނަގަން ވަނީ ފަށައިފަ އެވެ.