27 Nov 2018, 11:33
ވެރިކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށް ބުނެ 2015 ވަނަ އަހަރު ގާނޫނޫ އަސާސީއަށް ގެނައި އިސްލާހު އިއާދަކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައި އެމައްސަލަ މަޖިލީހުގައި ކުރިއަށް ގެންދަން އުޅެނީ އަވަސް އަރުވާލައިގެން ކަމަށް މަޖިލީހުގއި ހިމެނޭ ސަރުކާރަށް ތާއީދުކުރާ މެންބަރުން ވިދާޅުވެއްޖެއެވެ.
ވެރިކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު އުވާލުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފެވެ. އަލީ އާރިފް ވިދާޅުވީ 2015 ވަނަ އަހަރު ގާނޫނު އަސާސީ އަށް އިސްލާހު ގެނައީ ހާލަތު އޮތް ގޮތުން ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީ މިހިނދަށް ބަދަލުގެންނަން ޖެހޭކަމަށް ބަލާ އަލުން އިހު އޮތްގޮތަށް އިއާދަކުރަން ހުށަހެޅީކަމަށް އޭނާ ވިދާޅުވިއެވެ.
މި ބިލު މަޖިލީހަށް ބަލައިގަނެ ބަހުސްފަށާފައިވާއިރު ސަރުކާރަށް ތާއީދު ކުރާ މެންބަރުން ވިދާޅުވީ ވެރިކަން ކުރެވޭ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށް ކަނޑައަލާފައި އޮތް އޮތުން ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް ކުރަން ހުއްޓާ، އަވަސް އަރުވާލައިގެން މި އިސްލާހު ގެނައުމަށް އުޅޭތީ އެ މެންބަރުން ވަނީ ފާޑު ވިދާޅުވެފައެވެ.
"ގާނޫނު އަސާސީ ބަދަލުކޮށް ބައެއް ބޭފުޅުންނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވެނެ ގޮތް ހެދުމަށް ކަނޑައެޅިގެން ވަކި ބޭފުޅުންތަކަކަށް ޓާގެޓް ކުރެވިގެން ގެނައި އިސްލާހެއް މި އިސްލާހަކީ،" މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ރައީސް ޞާލިހުގެ ވެރިކަމުގައި ގާނޫނު އަސާސީ އަށް ގެންނަންޖެހޭ އިސްލާހުތަކެއް ފާހަގަކޮށްއެކަންތައް ތަރުތީބުކޮށްފައިވާނީ ރައްޔިތުންނަށް އެންމެ މުހިއްމު ކަންތައް ކުރިއަށް ލައިގެން ކަމަށެވެ.
ޓެކްސްގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާއި ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާއި ޖުޑިޝަރީ އާ ގުޅޭ އިސްލާހުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރޮޒައިނާ ވަނީ ރިޔާސަތުގައި އެދިލައްވައިފައެވެ.
ބައެއް މެންބަރުން ވަނީ ވެރިކަމަށް ކުރިމަތިލެވޭ އެންމެ ދަށް އުމުރު 35 އަހަރުން ބަދަލުކުރުމަށްވެސް ހުށަހަޅައިފައެވެ.
ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ލިމިޓު ކޮށްފައި އޮތުމަކީ އިންތިހާބުގައި ވާދަކުރުމުގެ ހައްގަށް އުނިކަން އަންނަ ކަމެއްކަމަށް ބައެއް މެންބަރުން ފާހަގަކޮށްފައިވާއިރު ބައެއް މެންބަރުން ވިދާޅުވެފައިވަނީ މިއީ ވަކި ކަމަކަށް ޓާގެޓްކޮށްފައިވާ އިސްލާހެއް ކަމަށެވެ.