ދެހާސް އަށް ވަނަ އަހަރުގެ ގާނޫނު އަސާސީ ތަސްދީގު ކުރި އިރު އޮތް ގޮތަށް، ވެރިކަން ކުރެވޭ އެންމެ މަތީ އުމުރު އުވާލުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ ކެލާ ދާރިރާގެ މެންބަރު އަލީ އާރިފެވެ. ބިލު ހުށަހަޅުއްވަމުން އަލީ އާރިފު ވިދާޅުވީ 2015 ވަނަ އަހަރު ގާނޫނު އަސާސީ އަށް ބަދަލު ގެނެސް ވެރިކަން ކުރެވޭ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށް ކަނޑައެޅީ އޭރު ކަންތައް އޮތްގޮތުން ކަމަށެވެ.

"މިހާރު ކަންތައް ބަދަލުވެއްޖެ. މިހިނދަށް މި ބަދަލު ގެންނަން ޖެހޭ ކަމަށް ބަލާ މި އިސްލާހު މި ހުށަހަޅަނީ. ދުނިޔޭގެ އެއްވެސް ތަނެއްގައި މަތީ އިމުރެއް ކަނޑައަޅާފައެއް ނޯވޭ ވެރިކަން ކުރުމަށް،" އަލީ އާރިފު ވިދާޅުވީ ވެރިކަން ކުރެވޭނެ އެންމެ ދަށް އުމުރެއް އޮންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން ވެރިކަމަށް ކުރިމަތިލެވޭނެ އެންމެ ދަށް އުމުރަކީ 35 އަހަރު ކަމަށް ކަނޑައެޅުމަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

ވެރިކަން ކުރެވޭނެ އެންމެ މަތީ އުމުރު ކަނޑައެޅުމަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް 2015 ޖޫން 24ގައި ނެގި ވޯޓުން އެ އިސްލާހު ގެނައުމަށް ފާސްވީ ވޯޓުގައި ބައިވެރިވި 80 މެންބަރުންގެ ތެރެއިމް 78 މެންބަރުންގެ ވޯޓާ އެކު އެވެ.

އެ އިސްލާހު ފާސްކުރުމަށް އޭރު ވޯޓު ނުދެއްވީ ގަލޮޅު ދެކުނު ދައީރާގެ މެމްބަރު އަހުމަދު މަހުލޫފާއި އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެވެ.

އެ ވޯޓުގައި ޕީޕީއެމްގެ މެމްބަރުންނާއި އެމްޑީޕީ މެންބަރުން އިސްތިސްނާވުމެއް ނެތި ވަނީ ވޯޓު ދެއްވައިފަ އެވެ.

އެ އިސްލާހު ގެނައުމަށް މީގެ ކުރިން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވެސް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް އެ އިސްލާހު އޭނާ އަނބުރާ ގެންދަވާފައިވާ ކަމަށް މިއަދުގެ މަޖިލީހުގައި ރިޔާސަތުން އިއުލާނުކުރި އެވެ.