އއ. ހިމަންދޫގެ ކައުންސިލްގެ މެންބަރު އަބްދުﷲ ޖަމީލްގެ މައްޗަށް ހައްދެއް ކަނޑައެޅިފައިވާ ހުކުމެއްކޮށްފައިވާތީ އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްގެ އިންތިހާބެއްގައި ކުރި މަތިލާ ކެނޑިޑޭޓެއްގެ ކިބައިގައި ހުރުން ގާނޫނުން ލާޒިމުކުރާ އެއްވެސް ޝަރުތެއް ފުރިހަމަ ނުވާ ފަރާތެއް އިންތިހާބެއްގައި ވާދަކޮށްގެން މެންބަރު ކަމަށް ހޮވިފައިވީ ނަމަވެސް އެ މެންބަރަކީ ލޯކަލް ކައުންސިލްގެ އިންތިހާބަށް ޝަރުތު ހަމަނުވާ މެންބަރެއް ކަމަށް ބަލައި، އެދާއިރާ އިން އެ މެންބަރަކު އިންތިހާބުވި އިންތިހާބުވުން ބާތިލް ވާނެ ކަމަށް ކަނޑައަޅާފައިވާތީ، އއ. ހިމަންދޫ، ސްވީޓްޑްރީމް، އަބްދުﷲ ޖަމީލަކީ ގާނޫނީ ގޮތުން އިންތިހާބްވެފައިވާ މީހެއް ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހު އެކޮމިޝަނުން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އަބްދުﷲ ޖަމީލްގެ މައްޗަށް ވައްކަމުގެ މައްސަލައެއް ސާބިތުވެ އެ މައްސަލާގައި އޭނާގެ މައްޗަށް ހުމުމްކޮށްފައިވާތީ ކަމަށެވެ.

"އެ މެންބަރު އިންތިހާބަށް ކުރިމަތިލާފައި ވަނީ ގާނޫނުގައި ބުނެފައިވާ ހައްދެއް ކަނޑައެޅިފައިވަނިކޮށް، އެހެންވެ އެ މެންބަރަށް އެ މަގާމުގައި ވެސް ނުހުރެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެމްޑީޕީ އަށް ނިސްބަތްވާ ޖަމީލަށް މިއަދު ގުޅުމުން ވިދާޅުވީ "މިގަޑީގައި ތިޔަ ކަމާ ބެހޭ ގޮތުން އެއްޗެއް ބުނެވޭކަށް ނެތް" ކަމަށް ވިދާޅުވެ ވަނީ ފޯނު ކަނޑުއްވާލައިފަ އެވެ.