27 Nov 2018, 09:10
ނ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރާއްޖޭގެ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް، ސިޔާމް-މައުރޫފް ސޮކަރ ކަޕް 2018ގައި، ޑިފެންޑިން ޗެމްޕިއަން މިލަދޫ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ތިން ޕޮއިންޓު ހޯދައިފިއެވެ.
މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާކަޕް އޮންނަ ނ. ކެނދިކުޅުދޫގެ ފުޓުބޯޅަ ދަނޑުގައި، މިލަދޫ އިއްޔެ ނުކުތީ މަގޫދޫއާ ދެކޮޅަށެވެ. އެ މެޗު މިލަދޫ ކާމިޔާބު ކުރީ 1-0ގެ ނަތީޖާއިންނެވެ.
މެޗުގެ ހަމައެކަނި ގޯލަކީ، މިލަދޫގެ ޖާޒީ ނަމްބަރު 23 އިބްރާހިމް ޝާހިމް ޖެހި ގޯލެކެވެ. އެ މެޗުގެ މޭން އޮފް ދަ މެޗަށް ހޮވުނީ މިލަދޫގެ ޖާޒީ ނަމްބަރު 11 މުހައްމަދު މައުރޫފެވެ.
މުބާރާތުގައި މިލަދޫ ހިމެނެނީ ގްރޫޕް އޭގަ އެވެ. ގްރޫޕް އޭގައި ދެން ހިމެނެނީ ކެނދިކުޅުދޫ، މާޅެންދޫ، ހެނބަދޫ، މަނަދޫ އަދި މަގޫދޫއެވެ. މިހާރު އެ ގްރޫޕުގެ ހުރިހާ ޓީމެއް ވަނީ އެއް މެޗު ކުޅެފައެވެ.
އޭ ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުގައި ކެނދިކުޅުދޫ ވަނީ މާޅެންދޫ އަތުން ލަނޑެއް ނުޖެހި އެއްވަރު ވެފައެވެ. އަދި ހެނބަދޫ ވަނީ 1-0ގެ ނަތީޖާއިން މަނަދޫ ބަލިކޮށް ތިން ޕޮއިންޓު ހޯދާފައެވެ. އެހެން ކަމުން މިވަގުތު ގްރޫޕުގެ ކުރީގައި އޮތް މިލަދޫއާއި ހެނބަދޫއަށް ވެސް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.
މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް ފަށާނީ މިއަދެވެ. މިއަދު ބައްދަލު ކުރާނީ އެންމެ ފަހުގެ ރަނަރަޕް ލަންދޫ އާއި ވެލިދޫއެވެ. ގްރޫޕް ބީގައި މާދަމާ ބައްދަލު ކުރާނީ މާފަރާއި ހޮޅުދޫއެވެ.
ސިޔާމް-މައުރޫފް ސޮކަރ ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 11 ރަށަކުން ވާދަކުރެއެވެ. މުބާރާތް ކުރިއަށް ދާނީ ނޮވެމްބަރު 24 އިން ޑިސެމްބަރު 25 އަށެވެ.