ޗައިނާއިން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތައް ހިންގަނީ މާ ބޮޑު އަގެއްގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބޭރުގެ މީޑިއާތަކާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ ޗައިނާއިން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތައް ހިންގުމަށް ހުށަހަޅާފައިވާ ވަރަށްވުރެ ބޮޑު އެއްޗެއް އެ ޕްރޮޖެކްޓުތަކަށް ހަރަދުކުރާ ކަމަށެވެ. އަދި އެކަމާގުޅިގެން މިހާރު ކުރެވޭނެ ކަމެއް ނެތްކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ޗައިނާ އާއެކު އެކުލަވާލާފައިވާ އެއްބަސްވުންތައް ރިވިއު ކުރުން ކަމަށާއި ރާއްޖެ ދަރަނިވެރިވެފައި އޮވެދާނެކަމުގެ ބިރު އެބައޮތްކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓަރާ ހަވާލާދީ ރޮއިޓާސްއިން ބުނީ ސަރުކާރުގެ ފުރަތަމަ ހަފްތާ ހޭދަކުރީ މި ޕްރިޖެކްޓުތައް ހިންގުމަށް ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތަކާއި ސޮވެރިން ގެރެންޓީތައް ރިކޮންސައިލް ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މި ޕްރޮޖެކްޓުތައް އަގުކޮށްފައިމިވަނީ މާ ބޮޑު އަގެއްގައި ކަމަށް، އެކަން ބަލަމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވެފައިވަނީ މިހާރު އެ ކޮންޓްރެކްޓުތައް ބަދަލުކުރެވެން ނެތް ކަމަށާއި ބައެއް ޕްރޮޖެކްޓުތައް މިހާރު ނިމި އަނެއްބައި ޕްރޮޖެކްޓުތަކުގެ ބޮޑުބައި ނިމިފައިވާ ކަމަށެވެ.

ޗައިނާއިން ރާއްޖެ ދަރަނިވެރިކޮށްފައިވާ ކަމަށް ބުނާ ވާހަކަ ޗައިނާއިން ދޮގުކޮށްފައިވާ ކަމަށާއި އާ ސަރުކާރުންވެސް އިންވެސްޓަރުން ޝައުވެރިކުރުވާނެފަދަ ޕޮލިސީތަކެއް ގެންގުޅޭނެކަމަށް ޗައިނާއިން ބުނެފައިވާކަމަށް ރޮއިޓާސްއިން ރިޕޯޓު ކޮށްފައިވެއެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ޗައިނާގެ ކުންފުންޏަކުންނެވެ. އެއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ލޯނު އެހީގައި ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތްވެސް ކުރީ ޗައިނާ ކުންފުންޏަކުންނެވެ. އެއާޕޯޓު ތަރައްގީގެ މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް ޗައިނާ ކުންފުނިތަކުން މިހާރުވެސް ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ދަރަނިކުޑަކުރުމަށް ބޭރުގެ އެހީ ހޯދުމަށް ކުރައްވާ ދަތުރުގެ ތެރެއިން ސަރުކާރުގެ ބައެއް ވަޒީރުން މިހާރު ތިއްބެވީ އިންޑިއާގައެވެ.