އަސްކޮއި ހައްޖު އުމްރާ ގުރޫޕުގެ ހަވާލުގައި އިއްޔެ އުމްރާ އަށް ފުރަން އުޅުނު ބަޔަކަށް ނުފުރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ ގްރޫޕްގެ ހަވާލުގައި އިއްޔެ މެންދުރު 48 މީހަކު އެއާޕޯޓަށް ފުރަން ދިއުމުން ވަނީ ނުފުރިފަ އެވެ.

ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތް ރާއްޖެ އިން ބޭރަށް ފުރުމަށް ސ.ގަން އެއާޕޯޓުގައި ހުއްޓައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އޭނާ ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރެވި މި މައްސަލަ ސީޔަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ބާޔަނުގައި އިތުރަށް ބުނެފައި ވަނީ، މި މައްސަލަ ތަހުގީގުކޮށް މިހާތަނަށް ބެލި ބެލުމުން އަސްކޮއި ހައްޖު އުމްރާ ގްރޫޕުގެ ފަރާތުން އުމްރާއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފަރާތްތަކުން ޓިކެޓް ގަތުމަށް ސަމްހާ ގުރޫޕް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ފައިސާ ހަވާލުކޮށްފައިވާ ކަމަށް އެނގިފައިވާ ކަމަށެވެ.

އަދި މި ފައިސާ ސަމްހާ ގުރޫޕް އިން ޑީބީ ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑަށް ދެއްކުމުން އެ ފައިސާ އެކުންފުނީގެ މަސައްކަތް ކުރާ ފަރާތަކުން ސައްހަ ނޫން 168 ޓިކެޓް ދޫކޮށްފައިވާ ކަން ތަހުގީގަށް އިނގެން އޮންނަ ކަމަށެވެ.

އަދި މިއަދު ފުލުހުން ހައްޔަރުކޮށްފައި ވަނީ އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ޑީބީ ޓްރެވަލްސްގެ މުވައްޒިފެއް ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.