ގދ. ވާދޫގައި މީހަކު އަމިއްލަަޔަށް ފާހާނާގައި ވިހެއުމަށް ފަހު ބާލިދީ ތެރެއަށް ލާފައި އޮތް ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ ޖެންޑާ ފެމިލީ އެންޑް ސޯޝިއަލް ސާވިސަސްއިން ބުނެފި އެވެ.

ކުއްޖާ ބާލިދީއަށް ލާފައި އޮއްވައި ފެނިފައިވަނީ މިރޭ 7:10 އެހާކަންހާއިރު އެވެ. ފުލުހުންވެސް ދަނީ އެމައްސަލަ ބަލަމުންނެވެ.

ޖެންޑަ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންނާއި އެ މިނިސްޓްރީން އެމައްސަލަ ބަލަމުން ދާ ކަމަށެވެ.

"އަދި ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމައްޓަކައި ކުއްޖާގެ އާއިލާއާއި ކަމާބެހޭ ދައުލަތުގެ އިދާރާތައް ގުޅިގެން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން،" ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ވާދޫއިން ވާހަކަ ދެއްކި މީހަކު 'ސަން' އަށް ބުނީ އެ އަންހެން މީހާ ވިހެއުމަށް ފަހު ފާހާނާގެ ލޭތައް ދޮވެ ސާފުކޮށްފައި ކައިރި ގެއެއްގެ އަންހެނަކަށް ގޮވި ކަމަށެވެ.

އަދި އެ ގޭގެ އަންހެން މީހާ ގޮސް ބަލާލި އިރު ކުއްޖާ އޮތީ ފާހާނާގައި ހުރި ބާލިދީ ތެރެއަށް ލާފައި ކަމަށް އޭނާ ބުންޏެވެ.

" ހަމަ ރީތި ކުއްޖެއް. އެކުއްޖާގެ ވިންދު ހުރި، މިހާރު ސިއްހީ މަރުކަޒަށް ގޮސް ފަރުވާ ދެމުން ދަނީ. ޑޮކްޓަރު ބުނެފައިވަނީ ކުއްޖާގެ ހާލު ރަނގަޅު ކަަމަށް،" ވާދޫ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ އަންހެން މީހާ ބަނޑުބޮޑު ކަމަށް މީގެ ކުރިން އެތައް ފަހަރަކު ރަށު މީހުން އެހުމުންވެސް އިންކާރުކޮށްފައިވާ ކަމަށް އެމީހާ ބުންޏެވެ.

އަންހެން މީހާއަކީ މިހާރު މީހަކާ އިނދެގެން އުޅޭ މީހެއް ނޫނެވެ. ނަމަވެސް ކުރިން މީހަކާ އިނދެގެން ތިން ކުދިން ތިބޭ ކަމަށް ވެ އެވެ.