27 Nov 2018, 08:56
ހދ ނޭކުރެންދޫގައި ޖަލެއް އަޅަން ކޮންމެ އަހަރަކު ބަޖެޓުގައި ޖަހަމުން އަންނަ ގޮތަށް މިފަހަރުވެސް ބަޖެޓު ކޮށްފިއެވެ.
މީގެ ކުރިން ހަތަރު އަހަރުވެސް ވަނީ ނެކުރެންދޫގައި ޖަލެއް އަޅަން ބެޖެޓު ކޮށްފައެވެ. 2015، 2016 އަދި 2017 ގައިވެސް ނޭކުރެންދޫގައި ޖަލެއް އަޅަން ބެޖެޓުގައި ޖެހިއެވެ. ނަމަވެސް އެ މަސައްކަތް ކޮށްފައެއް ނުވެއެވެ.
މިފަަހަރުވެސް ދައުލަތުގެ ބަޖެޓް ދިރާސާކޮށް ނިންމައި ފައިނަލް ކުރި ރިޕޯޓުގައި ނޭކުރެންދޫގައި ޖަލެއް އަޅަން ތިން މިލިއަން ރުފިޔާ ވަނީ ބަޖެޓް ކޮށްފައެވެ. ނޭކުރެންދޫގައި އަޅަން ނިންމާފައިވަނީ 300 މީހުންގެ ލުއި ޖަލެކެވެ.
ނޭކުރެންދޫގައި ޖަލު އެޅުމާ ބެހޭގޮތުން 2015 ވަނަ އަހަރު ޑިސެމްބަރު މަހު އޭރު ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްރަކަށް ހުރި އަހުމަދު ސަލީމް (މާޒު) ވިދާޅުވެފައިވަނީ ދެމަސް ދުވަސް ތެރޭގައި ނޭކުރެންދޫ ޖަލުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
ނަމަވެސް އޭގެ ފަހުން ދެމަސް ވީއިރުވެސް އަދި މިއަދާ ހަމައަށްވެސް އެ ޖަލުގެ މަސައްކަތް ފެށިފައެއް ނުވެއެވެ.
މާޒު ސަލީމު އޭރު ވިދާޅުވި ގޮތުން ނަމަ ް އޮތީ ހަމަ ޖެހިފައެވެ. ޖަލުއެޅުމަށް ނޭކުރެންދޫ ކައުންސިލުން 21 ހެކްޓަރުގެ ބިމެއްވެސް އޮތީ ދޫކޮށްފައެވެ. އޭރު ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރުވެސް ވިދާޅުވެފައި ވަނީ ޖަލު އެޅުމުގެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
ނޭކުރެންދޫގައި ޖަލު ނޭޅި ލަސްވާ މައްސަލާގައި 2016 ވަނަ އަހަރު ނޭކުރެންދޫ ހިމެނޭ ދާއިރާ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެފައިވަނީ ބަޖެޓުގައި ހިމެނިފައި ހުންނަ ޕްރޮޖެކްޓްތައް ބީވެގެން ދިއުމަކީ ދާއިރާ ރައްޔިތުން އެދޭނެ ކަމެއް ނޫން ކަމަށެވެ.
" އަޅުގަނޑުމެން ދާއިރާގެ ނޭކުރެންދޫގައި ޖަލެއް ހެދުމުގެ މަޝްރޫޢު، ދެ އަހަރު މި ވަނީ ބަޖެޓުގައި ހިމެނިފައި އޮންނަތާ. އަދި ދެ އަހަރު ހަމަ ފައިސާ ވެސް ހިމެނިފައި ވަނީ. ދެން އަޅުގަނޑުމެން ހަމަ މަޢުލޫމާތު ހޯދިއިރު ބޭރުން ހުރިހާ ތައްޔާރީތަކެއް ކުރަމުންދަނީ. ޖަލުގެ މެޓީރިއަލްސް ތައްޔާރުކުރަމުންދަނީ.." 2016 ވަނަ އަހަރު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އަނާރާ ވިދާޅުވެފައިވެއެވެ.
ނޭކުރެންދޫގެ އިތުރުން ކ. ކާށިދޫގައިވެސް 600 މީހުންގެ ޖާގައިގެ ލުއި ޖަލެއް އަޅަން މީގެ ކުރިން ތިން އަހަރަކު ބަޖެޓް ކުރިއެވެ. އެކަމަކު އެމަސައްކަތްވެސް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.