26 Nov 2018, 20:31
އަސްކޮއި ޖަމާއަތުގެ ހަވާލުގައި އިއްޔެ އުމްރާ އަށް ފުރަން އުޅުނު ބަޔަކަށް ނުފުރުނު މައްސަލަ އިސްލާމިކް މިނިސްޓްރީ އިން ބަލަމުން ގެންދާކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ.
އެ ގްރޫޕްގެ ހަވާލުގައި އިއްޔެ މެންދުރު 48 މީހަކު އެއާޕޯޓަށް ފުރަން ދިއުމުން ވަނީ ނުފުރިފައެވެ.
އެ މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ 50 އުމްރާވެރިންގެ ތެރެއިން 48 އުމްރާވެރިޔަކު އިއްޔެ އުމްރާއަށް ނުފުރުނު މައްސަލަ އެ މިނިސްޓްރީ އިން ބަލަމުން ގެންދާ ކަމަށެވެ.
"އުމްރާވެރިންނަށް އުމްރާއަށް ނުދެވުނު މައްސަލައިގައި މި މިނިސްޓްރީ އިން ބަލންޖެހޭ އެންމެހާ ކަންތައް މިދަނީ ބަލަމުންދާ ވާހަކަ ދަންނަވަން. އަދި މި ކަމުގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މި މިނިސްޓްރީއިން އަޅަމުން ގެންދާނެ،" ބަޔާނުގައި ލިޔަފައި ވެއެވެ.
އަސްކޮއި ޖަމާއަތުގެ ހަވާލުގައި އުމްރާ އަށް ފުރަން އުޅުނު ބަޔަކަށް ނުފުރުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވެސް މިއަދު ވަނީ ބުނެފައެވެ.