ކިޔޭވް (ނޮވެމްބަރު 26) : ޔުކްރޭންގެ ރައީސް ޕެޓްރޯ ޕޯޝިންކޯ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވަން ނިންމަވައިފިއެވެ.

ޔުކްރޭންގެ ރިޔާސަތުން ބުނީ ގައުމަށް ކުރިމަތިވެފައިވާ ބޭރުގެ އުދުވާނާއި އެތެރޭގެ ހަމަނުޖެހުންތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއްލާން ކުރުމަށް ނިންމަވައި އެކަމާބެހޭ ރިޔާސީ ލިޔުމުގައި ރައީސް ޕެޓްރޯ ޕޯޝިންކޯ ސޮއިކުރައްވައިފި ކަމުގައެވެ. ނަމަވެސް ޔުކްރޭންގެ ސަލާމަތީ ބާރުތަކުން ކުއްލި ނުރައްކަލުގެ ހާލަތު ތަންފިޒުކުރާނީ އެގައުމުގެ ޕާލަމެންޓުގެ އަޣްލަބިއްޔަތުން ރައީސް ޕޯޝިންކޯގެ ނިންމެވުން ތަސްދީގު ކުރުމުންނެވެ.

ޔުކްރޭންގެ ރައީސް މިފިޔަވަޅު އަޅުއްވާފައި މިވަނީ ކަޅު ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ ޔުކްރޭންގެ ކަނޑުގެ ސިފައިންގެ ތިން އުޅަނދު ކްރެޗް ކަނޑުއޮޅި ހުރަސްކޮށް އަޒޯފް ކަނޑަށްވަދެ އެކަނޑުގައިވާ ރަޝިޔާގެ ސަރަހައްދަށް ވަނުމުން ރަޝިޔާއާއި ޔުކްރޭން އާ ދެމެދު އަސްކަރީ ކުރިމަތިލުމެއް ހިނގުމާ ގުޅިގެންނެވެ.

މިކުރިމަތިލުމުގައި ރަޝިޔާއިންވަނީ ޔުކްރޭންގެ ކަނޑުގެ ތިން އުޅަނދަށް ހަމަލާދީ ހަ މީހުން ޒަޚަމްކޮށްލުމަށްފަހު އެ އުޅަނދުތައް ހިފަހައްޓާފައެވެ. މިމައްސަލާގައި ޔުކްރޭންގެ ރައީސް ޕޯޝިންކޯ ވަނީ ރަޝިޔާއިން އެގައުމާ ދެކޮޅަށް އުދުވާން ހިންގި ކަމަށް ތުހުމަތު ކުރައްވައި ރަޝިޔާ ވަރަށްބޮޑަށް ކުށްވެރިކުރައްވައި ވާހަކަ ދައްކަވާފައެވެ.

މި ކުރިމަތިލުންތަކާ ގުޅިގެން ޔުކްރޭންގެ އެތަށް ހާސްބަޔަކުވަނީ ވެރިރަށް ކިޔޭވްގައި ހުންނަ ރަޝިޔާގެ އެންބަސީގެ ކުރިމަތީގައި މުޒާހަރާކޮށް ރަޝިޔާއަށް ބަހުގެ ހަމަލާތައް ދީފައެވެ. ޔުކްރޭންގައި ހުޅަނގަށް ތާއީދުކުރާ ސަރުކާރެއް އުފެދުމާއެކު ރަޝިޔާއާއި އެގައުމުގެ ގުޅުންތައްވަނީ ވަރަށް ބޮޑަށް ގޯސްވަފައެވެ. (އަނަތޯލިޔާ)