26 Nov 2018, 18:45
ރާއްޖޭގައި ގާއިމުރި އެންމެ ފުރަތަމަ ކުންފުނި އެމްޓީސީސީ އިން "ޔަންމާ ސާވިސް 2018" ގެ ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ.
އެމްޓީސީސީއާއި ޔަންމާ އޭޝިއާ ގުޅިގެން މިއަދު މާލޭ ނޯތް ހާބަރުގައި ފެށި މި ކެމްޕެއިން ބުރާސްފަތި ދުވަހާ ހަމަޔަށް ކުރިޔަށް ދާނެއެވެ. މާލޭގައި މި ކެމްޕެއިން ކުރިއަށް ދާނީ މިއަދާއި މާދަމާ އެވެ.
އެމްޓީސީސީގެ ޓްރޭނިން ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު، އިސްމާއިލް އަދުހަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ކެމްޕެއިން ގެ މަގްސަދަކީ ޔަންމާގެ ޖެނުއިން ސްޕެއާތައް ޕްރޮމޯޓްކޮށް ކަސްޓަމަރުން ހޭލުންތެރިކުރުވުމާ އެކު ކުންފުންޏާއި ކަސްޓަމަރުންނާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުން ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ސާވޭ ކުރާ އުޅަނދުތަކުގެ އިންޖީންތައް 500 ގަނޑި އިރު ހަމަކޮށްލާވަރުގެ މެއިންޓެއިނެންސް ކީޓް ހިލޭ ދޫކޮށްލަން. އަދި 25 ޕަސެންޓާއި 40 ޕަސެންޓާ ދެމެދު އަގު ކުޑަކޮށް ބައެއް ސްޕެއާތައް ކެމްޕެއިންގެ ދަށުން ދޫކޮށްލާނެ" ޖެނެރަލް މެނޭޖަރު، އިސްމާއިލް އަދުހަމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ޓްރޭނިން ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު، އިސްމާއިލް އަދުހަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ އަހްމަދު އަވްޝަން އިލްޔާސް
މި ކެމްޕެއިންގެ ތެރެއިން ޔަންމާގެ ޓެކްނިކަލް ޓީމްތަކުން ޔަންމާ އިންޖީން އަޅާފައިވާ އޮޑިފަހަރަށް ޒިޔާރަތްކޮށް އިންޖީނުތައް ސާވޭ ކުރުމާއި ކަސްޓަމަރުންނަށް ޖެނުއިން ސްޕެއަރ ޕާޓްސްގެ މުހިއްމުކަން ހާމަކޮށްދިނުމާއިއެކު އަދި ހޭލުންތެރި ކުރުމުގެ ހަރަކާތްތައްވެސް ކުރިއަށް ދާނެ ކަމަށް، އިސްމާއިލް އަދުހަމް ވިދާޅުވިއެވެ.
އެނާ ވިދާޅުވީ، ޔަންމާ ސާވިސް ކެމްޕެއިންގެ ދަށުން މާލޭ ނޯތު ހާބަރުގައި އެމްޓީސީސީ އަދި ޔަންމާ އޭޝިއާގެ ޓެކްނިކަލް ޓީމް އިން މިއަދާއި މާދަމާ ހަރަކާތްތެރިވަމުންދާނެއެވެ. އަދި މި ކެމެޕެއިން އަތޮޅުތެރެއަށް ފުޅާ ކުރެވިގެންދާނެ ކަމަށާއި އެގޮތުން ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ދ. އަތޮޅުގައި މި ކެމްޕެއިން ކުރިޔަށް ދާނެ ކަމަށާއި އަދި ކުރިޔަށް އޮތްތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ކެމްޕެއިން ކުރިއަށްދާނެ ކަމަށް އެނާ ވިދާޅުވި އެވެ.
"މިއަދާއި މާދަމާ މާލެގައި ކެމްޕެއިން ކުރުމަށް ފަހު ބުދަ ދުވަހު ކެމްޕެއިން ޓީމް ޒިޔާރަތްކުރާނީ ދ. އަތޮޅަށް. މުސްތަގުބަލުގައި މި ކެމްޕެއިން މުޅި ރާއްޖެއަށް ފުޅާ ކުރެވިގެން ދާނެ،" އިސްލާއިލް އަހުމަދު ވިދާޅުވި އެވެ.