ރާއްޖޭގެ ޚާރިޖީ ސިޔާސަތު "އިންޑިއާ ފަސްޓް ޕޮލިސީ"ގެ ގޮތުގައި ކަނޑައަޅައި އަންނަމަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ސޯލިހް އިންޑިއާއަށް ވަޑައިގަންނަވާނެކަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ޔަގީންކޮށްދީފިއެވެ.

އެ މިިނިސްޓްރީން ބުނީ ރައީސް ސޯލިހް ރަސްމީ ދަތުރުފުޅު ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ދެގައުމުގެ ދެމެދުގައި އިތުބާރު އުފައްދައި އަދި ދެފުށްގެންނަ އަދި ދެފަރާތަށްވެސް ފައިދާވާގޮތަށް ގުޅުން ބަދަހިކުރުމަށް އިންޑިއާއިން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ފޮރިން މިނިސްތަރު ސުޝްމާ ސުވަރާޖްއާ މިއަދު ވަނީ ވާހަކަތައް ބާއްވާފައެވެ.

އިންޑިއާއިން ބުނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން ބަޖެޓްގެ ހުރު ދަތިކަން ހައްލުކުރުމަށް އެހީތެރިވެދާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ޝާހިދު ވަނީ އިންޑިއާގެ ކަނޑުގައި އިންޑިއާގެ މަސްލަހަތަށް އިސްކަންދޭނެ ކަމަށް ވިދާޅުވެފައެވެ. އެ ޕޮލިސީގެ ދަށުން ރާއްޖެއިން އެންމެ ފުރަތަމަވެސް އިސްކަންދޭނީ އިންޑިއާގެ މަސްލަހަތަށް ކަމަށެވެ.

އެ ދަތުރުފުޅުގައި ދެ ގައުމު ގުޅިގެން ދިފާއީ ކަންކަމުގައި މަސައްކަތް ކުރުމަށް، އަންނަ މަހު ކުރީކޮޅު ވާހަކަތައް ބޭއްވުމަށް ވަނީ ނިންމައިފައެވެ.