އަސްކޮއި ޖަމާއަތުގެ ހަވާލުގައި އުމްރާ އަށް ފުރަން އުޅުނު ބަޔަކަށް ނުފުރުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ގިނަ ބަޔަކަށް އުމްރާއަށް ނުފުރުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އަސްކޮއިގެ ހަވާލުގައި އިއްޔެ އުމްރާ އަށް ފުރަން އެއާޕޯޓަށް ދިޔަ މީހަކު ބުނީ އެންމެ ފުރަތަމަ ފުރަން ހަމަޖެހިފައިއޮތީ މިއަދު ހެނދުނު ކަމަށާއި ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި ފޮށިތައް ގެންދަން އެންގި ކަމަށެވެ.

"އެކަމަކު ފަހުން ގުޅާފައި ބުނީ ފުރުން މެންދުރަށް ބަދަލުވެއްޖެއޭ. ފޮށިތައް ހިފައިގެން އަންނާށޭ. 1:30 އަށް އެއާޕޯޓަށް ދިޔައިރު ހަވާލުވާނެ މީހަކު ނާދޭ. ފޯނަށް ގުޅުމުން ޖަވާބެއް ނުދޭ،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ އިއްޔެ މެންދުރު އުމުރާ އަށް ފުރަން 48 މީހަކު އެއާޕޯޓަށް ދިޔަ ކަމަށެވެ.

"ހެނދުނު ވެސް 48 މީހަކު އަސްކޮއިގެ ހަވާލުގައި އުމްރާ އަށް ފުރި. މެންދުރު 48 މީހަކު ފުރަން ދިޔައީ. އެއާޕޯޓުގައި ތިބޭތާ އެތައް އިރެއްވީފަހުން ބުނީ ޓިކެޓުގެ މައްސަލަތަކެއް ދިމާވެ ފުރުން ލަސްވެއްޖެ ކަމަށް،" އޭނާ ބުނީ އަސްކޮއި އިން އުމްރާވެރިންގެ ޓިކެޓު ނެގީ އޭސް މެދުވެރިކޮށް ސްރީލަންކަން އެއާލައިނުން ކަމަށާއި އޭސް އިން ޓިކެޓު ނެގީ ޑީޕީ ކިޔާ ކުންފުންޏެއް މެދުވެރިކޮށް ކަމަށެވެ.

އަސްކޮއިގެ ހަވާލުގައި އުމުރާ އަށް ދާ މީހުންގެ ތެރޭގައި ރަށްރަށުން އައިސް ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހުންވެސް އެބަތިބި ކަމަށާއި އެމީހުން މާލޭގައި ތިބެންޖެހޭ އިތުރު ދުވަސްތަކުގައި އަތުންދާ ހަރަދު އަސްކޮއިގެ ފަރާތުން ދޭގޮތަށް އަދި ހަމަނުޖެހޭ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.