26 Nov 2018, 15:31
ނުވަަ މިނިސްޓްރީ އަކަށް ޕާމަނަންޓް ސެކްރެޓަރީން ހޯދުމަށް އިއުލާނު ކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ވަނީ މި ނުވަ މިނިސްޓްރީއަށް ޕީއެސް އިން ހޯދުމަށް ވަކިވަކިން މިއަދު އިއުލާނުކޮށްފައެވެ.
ޕީއެސްއިން ހޯދުމަށް އިއުލާނުކޮށްފައިވަނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަށާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓުގެ އިތުރުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަނަށެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަޔެއްގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
ޕީއެސްގެ މަގާމަށް ކުރިމަތިލެވޭނީ މެނޭޖްމެންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ އެ ކުރިމަތިލާ މިނިސްޓްރީއެއްގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ގައުމީ ސަނަދު އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއްގެ ސަނަދެއް ހާސިލުކޮށްފައިވާ، ސަރުކާރު، ޕަބްލިކް ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގެ ޖަމިއްޔާއެއް ހިންގުމުގެ ދާއިރާގައި މަދުވެގެން ހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ކަމަށް އިއުލާނުގައި ވެއެވެ.
ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގެ މުސާރައިގެ ގޮތުގައި މަހަކު 20،500 ރުފިޔާ ހަމަޖެހިފައިވާ އިރު، ލިވިންގް އެލަވަންސްއަށް ލިބޭ 15،000 ރުފިޔާއާ އެކު ޖުމްލަ 35،500 ރުފިޔާ ލިބޭނެއެވެ.
އާ ސަރުކާރުގައި ޖުމްލަ ނަވާރަ މިނިސްޓްރީ އެއް ހިމެނޭއިރު އޭގެ ތެރެއިން ހަތަރު މިނިސްޓްރީ އަކަށް ވަނީ ޕީއެސް އިން އައްޔަނު ކޮށްފައެވެ.