ސްޓާޕްލަސްއިން ދައްކަމުން އަންނަ ޑްރާމާ ސިލްސިލާ "އިޝްގާބްޒް" ދެއްކުން ހުއްޓާލަން ނިންމައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އެ ޝޯގެ ޕްރޮޑިއުސަރު ގުލް ހާން ވަނީ އެ ޝޯ ދެއްކުން ހުއްޓާލާނެކަން އިއުލާންކޮށްފައެވެ. އެ ސީރީޒް ހުއްޓާލަން ނިންމާފައިވާއިރު ލީޑު ރޯލުން ފެނިގެންދާ ސުރްބީ ޗަންދުނާ ވެސް ވަނީ އެ ޝޯ ދޫކޮށްލާފައެވެ.

ސުރްބީ (އަނިކާ) އެ ޝޯ ދޫކޮށްލަން ނިންމީ ވާހަކައަށް ގެނައި ބަދަލެއްގެ ސަބަބުން އޭނާއަށް މަންމައެއްގެ ރޯލު ކުޅެންޖެހޭތީއެވެ. އެ ޝޯގެ ގިނަ ތަރިން ޝޯ ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ވެސް ދާދި ފަހުން ވަނީ ފެތުރިފައެވެ.

"އިޝްގްބާޒް"ގެ ސަޕޯޓަރުން ތިބީ ޝޯ ހުއްޓާލަން ނިންމުމުން ކަންބޮޑުވެފައެވެ. އަދި ބައެއް ސަޕޯޓަރުން ވަނީ އެ ޝޯ ދެއްކުން ހުއްޓާލާތީ މުޒާހަރާވެސް ކޮށްފައެވެ.

އެހެން ނަމަވެސް ގުލް ހުރީ ޝޯ މެދުކަނޑާލަން ނިންމައިގެންނެވެ. އަދި އެ ޝޯގެ އެހެން ސީޒަނާއެކު އެނބުރި އަންނާނެ ކަމަށް ވެސް ގުލް ބުނެއެވެ. ނަމަވެސް އެ ސީޒަން ފަށާނީ ކޮން ތާރީހެއްގައި ކަމެއް އަދި ކަނޑަ އަޅާފައެއް ނުވެއެވެ.

މުޅިން އާ ސީޒަނެއް ފަށަން އަޒުމް ކަނޑަ އަޅާފައިވާއިރު އެ ސީޒަނުން ފެންނާނީ މުޅިން އާ ތަރިން ކަން ވެސް ގުލް ވަނީ ފާހަގަކޮށްފައެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން މެދުކެންޑުމެއްނެތި ދައްކަމުން އަންނަ "އިޝްގްބާޒް" އަކީ ގިނަ ބައެެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑްރާމާއެކެވެ. އަދި ސްޓާޕްލަސްއިން ދައްކަމުން އަންނަ ޑްރާމާތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ޑްރާމާ ކަން ވެސް ފާހަގަކޮށްލެވެއެވެ.